ހަބަރު

ދޮންބަނޑާރައިންގެ ކިބައިން އިބްރަތް ހޯދައި ގައުމު ސަލާމަތްކުރޭ: މައުމޫން

Feb 21, 2018
4

ކޮންމެ ދިވެއްސަކީ ވެސް ރާއްޖެ މަލާބާރީންގެ އަތުން މިނިވަންކޮށް ދެއްވި އަލްސުލްތާން ޣާޒީ ހަސަން އިއްޒުއްދީން ހުރަވީ (ދޮންބަންޑާރައިން) އަކަށްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ. ރައީސް މައުމޫން އެހެން ގޮވާލެއްވީ އިއްޔެ ފާހަގަކުރި ހުރަވީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

ހުރަވީ ދުވަހަކީ ދޮންބަންޑާރައިން މަލާބާރީން (ހޮޅިން)ނާއި ހަނގުރާމަކޮށް، މަލާބާރީންގެ އަޅުވެތި ކަމުން ދިވެހީންނަށް މިނިވަންކަން ލިބުނު ދުވަހެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ އެ ބަތޮލުން ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝު ދިވެހިންގެ މެދުގައި އާލާކުރުމެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުއްވި އެމަނިކުފާނުގެ ބަޔާނުގައި ބުނެފައިވަނީ، ހުރަވީ ދުވަހަކީ އިބުރަތް ލިބިގަންނަން ޖެހޭ ދުވަހެއް ކަމަށާއި ގައުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ދުވަހެއް ކަމަށެވެ. ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް އެ މަނިކުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް ވާން ޖެހޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ އަދުލު އިންސާފާ ގާނޫނުގެ ހުކުމް ހަމަހަމަކަމާއި އެކު ދިވެހި ރައްޔިތުންނަށް ލިބިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް ނުބުނެވޭނެ ހާލަތަކަށް ނުފޫޒާއި ބާރުން ވަނީ ތަޅުއަޅުވާފައެވެ. މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާ ވަނީ އިންތިހާއަށް އިތުރުވެފައެވެ. ދައުލަތުގެ މިލްކިއްޔާތުން މެދުކެނޑުމެއްނެތި ތަރައްގީގެ ނަމުގައި ހިންގާ ބޮޑެތި ހިޔާނާތުގެ ސަބަބުން ދިވެހީން މިއަދު މިވަނީ ދަރަނިވެރި ވެފައެވެ. ހަމަ އެހެންމެ ހާރިޖީ ސިޔާސަތު ހަރުދަނާ ނުވުމުން ދިވެހިރާއްޖެ އާއި ދިވެހީން ބޭރުދުނިޔޭގައި ދަނީ އެކަހެރިވެ ނިކަމެތި ވަމުންނެވެ،" ރައީސް މައުމޫންގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގައުމު އިސްލާހުކުރަން ނިކުމެވަޑައިގެން ކޮންމެ ލީޑަރެއް ވަނީ ބަންދުކޮށްފަ ނުވަތަ އިންސާފުވެރި ނޫން ޝަރީއަތަކަށްފަހު ބޮޑެތި ހުކުމްތައް ކޮށްފަ ކަމަށާއި ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުންނަށް ދަނީ މެދުކެނޑުމެއްނެތި ބޮޑެތި އަނިޔާތައް އިންތިހާއަށް ލިބެމުން ކަމަށެވެ. ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުން މިދާ ސިޔާސީ އަދި މަދަނީ ހައްގުތައް ރައްކާތެރިކޮށް، ގައުމު ބިނާކުރުމަށްޓަކައި ގައުމާއި ރައްޔިތުންގެ ތަރައްގީ ގެނައުމަށްޓަކައި ރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ގެންނަން ދިވެހި ކޮންމެ ރައްޔިތަކަށް ވަނީ މަޖުބޫރުވެފަ ކަމަށް ބަޔާނުގައި ބުންޏެވެ.

އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ކަމެއްްގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައިވެ އެވެ.

"ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި، ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހި ރާއްޖޭގެ ގުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ދިވެހީންގެ ގުދުރަތީ އަދި ސަގާފީ ތަރިކަ ރައްކާތެރިކޮށް، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ވެށްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާކޮށް، ސިޔާސީ ބޭނުމަކަށް ހައްޔަރުކޮށްފައާއި އަދި ހުކުމް ކޮށްފައިވާ ލީޑަރުން މިނިވަންކޮށް، އަދުލު އިންސާފު ކަށަވަރު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެކެވެ." ރައީސް މައުމޫން ވިދާޅުވާ ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ގައުމުގެ މިހާރާއި މުސްތަގްބަލަށްޓަކައި އިތުރު އަޒުމަކާއެކު ގާނޫނު އަސާސީ އާއި ގާނޫނުތައް ހިމާޔަތްކުރަން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ދޮންބަންޑާރައިން ގައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިތްވަރު ލިބިގެން ގައުމު ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ވެސް ގޮވާލާފައިވެ އެވެ.