ހަބަރު

ރާއްޖެ އޮތީ އިންޑިއާޔާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް: ފޮެރިން މިނިސްޓްރީ

Feb 21, 2018

ރާއްޖެ އޮތީ އިންޑިއާ އާއި އެނޫންވެސް ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމަށް ފޮރިން މިނިސްޓްރީން އިންޑިއާއަށް ޔަގީންކަން އަރުވައިފި އެވެ. ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަރީރު މިއަދު ވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވާފަ އެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ވީހާވެސް އަވަހަށް ހައްލުކޮށް، އެކެއް ފެބްރުއަރީގައި ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް އިންޑިއާއިން ރާއްޖެއަށް ކެނޑިނޭޅި ގޮވާލަމުންދަނިކޮށް، ފޮރިން ސެކެޓްރީ މިއަދު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަސްރަހުގެ ތަފްސީލުތައް އޮޅުންފިލުވައިދީފައިވާކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. ސަރީރު މެދުވެރިކޮށް އެ މިނިސްޓްރީން ވަނީ ރާއްޖެ އިންޑިއާއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ރާއްޖެ އޮތީ އިންޑިއާއާ އެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކެއް ފެބްރުއަރީގެ އަމުރާގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އެކަން އުވާލަން އެންމެ ބޮޑަށް އަޑުއުފުލަމުންގެންދަނީ އިންޑިއާއިންނެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ވެސް އިންޑިއާގެ ގޮވާލުންތަކަށް އަމަލުކޮށްފައިނުވާއިރު، އިންޑިއާއާ ރާއްޖެއާ ދެމެދު އޮތީ ހިޔާލުތަފާތުވުމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ސިފަކުރައްވާފަ އެވެ.