ހަބަރު

މަޖިލީހުގެ ނިންމުން ސައްހަ ނޫން ކަމަށް ޕީޖީއަށް ނުނިންމޭނެ: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ގާނޫނު އަސާސީއާ ހިލާފުކަން ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެ ބާރު ޕްރޮސިކިއުޓާ ޖަނަރަލް (ޕީޖީ)އަށް ނެތް ކަމަށް ސަރުކާރު ހިންގާ، ޕީޕީއެމްއިން މިއަދު ބުނެފި އެވެ.

ޕީޕީއެމްއިން މިހެން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަވާތީ ކުއްލި ހާލަތެއް މިހާރު ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް، ފުލުހުންނަށް ސިޓީއެއް ފޮނުއްވާފައިވަނިކޮށެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން އަވަސްއިން ސުވާލުކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މަޖިލީހުގެ ނިންމުމެއް ސައްހަ ނޫން ކަމަށް ޕީޖީއަށް ނޭންގޭނެ ކަމަށެވެ. ޕީޖީގެ އެ އެންގެވުން ގާނޫނާ ހިލާފު ކަމަށް ސިފަކުރައްވައި ޕީޖީ ވެސް ގާނޫނާ ހިލާފު އެންގުމެއް އެންގެވުމަކީ އެއަށް ފުލުހުންނާއި ސިފައިން އަމަލުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ފުލުހުންނަށް ބިޝާމް ސިޓީއެއް އެ ރޭ ފޮނުއްވި އެވެ. އެ ރޭ ޕީޖީ ބިޝާމް، އެސިސްޓެންޓް ޕީޖީން އަދި ޑެޕިއުޓީ ޕީޖީންއާއެކު އޮފީހުގައި ވަރަށް ލަސްވަންދެން އުޅުއްވި ކަމަށްވެ އެވެ. -- އެކަން ޕީޖީ އޮފީހާއި ފުލުހުންގެ އިދާރާއިން ވެސް ދޮގެއް ނުކުރެ އެވެ.

އެ ސިޓީގައި ލަފާ އަރުވާފައިވަނީ، މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕީޖީގެ އެ ލަފާއަކީ އެކަމަނާއަށް އެރުވޭނެ ލަފާއެއް ނޫން ކަމަށް ވިދާޅުވެ، ފުލުހުންގެ އިސްވެރިން ވަނީ ފުލުހުންގެ އޮފިސަރުންނަށް އެއަށް އަމަލު ނުކުރުމަށް އަންގާފަ އެވެ.

ޕީޖީ ބިޝާމް އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވަން އުޅުއްވި ކަމަށް ޔަގީން ކޮށްދޭ މަސްދަރުތަކުން ބުނަނީ އޭގެ ފަހުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ޕީޖީއާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ދެބޭފުޅުންގެ ބައްދަލުވުމަށް ފަހު މުވައްޒަފުންނާއެކު ބާއްވަން އޮތް މީޓިން ކެންސަލްވި ކަމަށެވެ.

ޕީޖީއާ ގުޅުން ހުރި އެ ވާހަކަތައް ފެތުރިފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރުމަށް ވަގުތީ އަމުރެއް އިއްޔެ ނެރެފަ އެވެ. އަދުރޭ ވިދާޅުވީ، މަޖިލީހުގެ ނިންމުން ސައްހަކަން އެ އަމުރު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކޮށްގެން އަޅުގަނޑުމެން ގަބޫލުކުރަނީ މަޖިލީހުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް، އެއަށް ބާރު އެބަ ލިބޭ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ގޮވާލެއްވީ ޕީޖީއިން އިދިކޮޅު މެންބަރުންނާ ދެކޮޅަށް ދައުވާކުރުމަށެވެ. ނިހާން ވިދާޅުވީ، ގަރާރު ފާސްކުރި ޖަލްސާއަށް އިދިކޮޅު މެންބަރުން ވަޑައިނުގަންނަވާ އެ ދުވަހުގެ ހާޒިރީގައި މެންބަރުން ސޮއިކުރައްވާފައިވާ ކަމަށެވެ. އެހެންވެ އެ ބޭފުޅުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.