އިދިކޮޅު ކޯލިޝަންގެ ވެރިން ދައުލަތުގެ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން ދިއުމުން އެ ތަންތަނުގެ ވެރިން ޗުއްޓީގައި ނެތިގެން ނުވަތަ އޮފީހަށް ހާޒިރު ނުވެގެން ބައްދަލުނުވުމަކީ އެ އޮފީސްތަކުން ލިބެންޖެހޭ ހައްގުތައް ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލުގައި ހުންނެވުމާ ގުޅިގެން އެމަނިކުފާނުގެ ޝަރީއަތް އަވަސް ކޮށްދިނުމަށް ދެންނެވުމަށާއި އެމަނިކުފާނާ މެދުވެސް ހަމަހަމަ އުސޫލުން އަމަލުކުރުމަށް ދަންނަވަން އިދިކޮޅު ކޯލިޝަންގެ ވެރިން ދައުލަތުގެ އިދާރާތަކަށް ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރެ އެވެ.
އިދިކޮޅު ކޯލިޝަންގެ ވެރިން މިއަދުވެސް ވަނީ ޕީޖީ އޮފީހާއި ޖޭއެސްސީއަށް ގޮސްފަ އެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ޗުއްޓީގައި ހުރުމަކީ އެ އޮފީސް ހުއްޓެންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އަބްދުލްރަހީމް އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޕީޖީ އޮފީހަށް ދާތާ ތިން ދުވަސްވީ ކަމށާއި އެކަމަކު އެއްވެސް ދުވަހަކު ޕީޖީ އަދި އެ އޮފީހުގެ އިސްވެރިޔަކާ ބައްދަލު ނުވާ ކަމަށެވެ. ޖޭ
"ވެރިން ނެތަސް ޒިންމާދާރުވެ ޖަވާބުދާރީ އަދާކުރަން ޖެހޭނެ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
އޭނާ މިއަދުވެސް ވިދާޅުވީ ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމޭއިރު އެމަނިކުފާނު މިނިވަންވާނެ ކަމަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ކޯޓުތަކުގައި ހުއްޓުވާފައިވަނީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މިސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަ ތަކުގައި މިސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމީނަށް ޖަލުގައި ކުރަމުންދާ އަނިޔާ ހުއްޓާލުމަށްވެސް ގޮވާލެއްވި އެވެ.