ހުސައިން ޝަމީމް

ޕީޖީގެ މަގާމުން ޝަމީމް ދުރުކުރުމަށް ގޮވާލައިފި

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާ އޭނާ މަގާމުން އިސްތިއުފާދޭން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. މިމަހުގެ ކުރީކޮޅު ޝަމީމާއެކު ބޭއްވެވި ބައްދަލްވުމަކަށްފަހު އިދިކޮޅުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ޝަމީމާ ގުޅޭގޮތުން ބާ ކައުންސިލަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ އިތުބާރު ގެއްލިފައިވާ ކަމަށް އިދިކޮޅުން މިރޭ ވަނީ ބުނެފައެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލުކަން ޝަމީމް ކުރައްވާފައިވާ ކަމަށާ އަދި އޭނާއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށައަޅާފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީން ދޫކުުރި ކޮންމެ ޗެކެއްގައި ސޮއިކޮށްފައިވަނީ އޭރުގެ އެމްޑީ ޒިއަތު ކަމަށާ އެފަދަ ބޭފުޅެއްގެ ވަކީލަށް މަސައްކަތްކުރި ބޭފުޅަކު މިއަދު ޕީޖީގެ މަގާމުގައި ހުންނަވައިގެން އެހެން ބައެއްގެ މައްޗަށް ދައުވާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަށް ކުރާ ދައުވާއަކީ މަސްލަހަތު ފުށުއަރާ ޕީޖީއަކު ހުރެގެން، ވަކީލާ މުވައްކިލާ ދެމެދު އޮންނަންޖެހޭ ސިއްރު މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދައުވާއެއްކަން ސާބިތުވޭ،"

އަބްދުއްރަހީމް މިރޭ ވަނީ މައްސަލަތަކުގައި ވަކާލާތު ކޮށްދެއްވުމުން އަދީބު އަދި ޒިއަތުގެ ފަރާތުން ޝަމީމަށް ދީފައިވާ ފައިސާގެ އަދަދު ހާމަކުރުމަށްވެސް ގޮވާލާފައެވެ.

"އަޅުގަނޑު އެދެން އަދީބުއާ ޒިއަތާ ދެ ބޭފުޅުންގެ އަރިހުން ވަކީލު ފީގެ ގޮތުގައި ޝަމީމަށް ދީފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ހާމަކޮށްދެއްވުމަށް،"

އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާ އެކަން ކުރަން ދެކޮޅު ހަދާނަމަ އޭނާ މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.

"ހުސައިން ޝަމީމަށް ދަންނަވާލަން ބޭނުންވަނީ މަނިކުފާނު އަވަހަށް އިސްތިއުފާ ދެއްވާށޭ. މަނިކުފާނު ތިޔަ މަގާމުގައި ހުންނަވާކަށް އެއް ގޮތަކަށްވެސް ތަސަައްރަފެއް ނުފެދޭ. މަނިކުފާނުގެ އިތުބާރެއް ދިވެހި ރައްޔިތުންނަކަށް ނެތޭ،"

އަބްދުއްރަހީމް ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ މިހާރު ވުޖޫދުގައި ނެތް ކަމަށާ އެހެން ކަމުން މިރެއިން މިރެއަށްވެސް ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.