އިދިކޮޅުގެ ދެ ސިޔާސީ ޕާޓީ، ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކޯލިޝަން ހިންގުން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަޅާފައި ވަނީ ގާނޫނާ ހިލާފު ހެކިތަކެއް ކަމަށް އޭނާގެ ގާނޫނީ ވަކީލް އަދި ދަނބިދަރިކަލުން އަހުމަދު ހިޝާމް ވަޖީހު ވިދާޅު ވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މައްސަލައިގެ އަޑު އެހުމެއް ކުރިޔަށް ގެންދިޔައީ ޕީއެންސީގެ ރައީސް، އަދުރޭގެ ފަރާތްޕުޅުން ޝަރީއަތަށް ކަންތައްތަކެއް ހުށަހެޅުމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެދިވަޑައިގެންފައިވާތީ އެވެ. މައްސަލައިގެ އަޑު އެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ޝަރީއަތުގައި މިއަދަށް ތާވަލު ކުރި އަޑުއެހުމުގައި އަދުރޭ ވަކީލް ހިޝާމް ވިދާޅުވީ ދައުވާ ރައްދުވާ ފަރާތާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭ ވީޑިއޯއެއް ހިމެނޭއިރު އާންމު އުސޫލުގައި އެ ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްތޯ ބަލަން އޯޑިއޯ އަދި ފޮޓޯ ސާމްޕަލް ނަގައި އެނަލިސިސް ރިޕޯޓެއް ހަދަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލައިގައި އޯޑިއޯ އާއި ވީޑިއޯ ސާމްޕަލް ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. -- ހިޝާމަކީ ކުރީން އޭޓާނީ ޖެނެރަލްގެ އޮފީހާއި ޕީޖީ އޮފީހުގެ އިސް މަގާމެއް ފުރުއްވެވި ބޭފުޅެކެވެ.
"... ގާނޫނުގައި އެބުނާ އިޖުރާއަތުތައް ފުރިހަމަނުކޮށް މި ސާމްޕަލްތައް ނަގާފައި ވަނީ. ދައުވާ ލިބޭ ފަރާތުން ނިންމީ ހަނުހުންނަން. ހަނުހުއްޓައި ސާމްޕަލް ނަގާފައިވަނީ،" ހިޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައު މައްސަލައިގައި އެގޮތަށް ސާމްޕަލް ނެގޭނީ ޖިނާއީ ބޮޑު ކުށެއްގައި ދައުވާ އުފުލައި އަދި ހައްޔަރު ކޮށްފައިވާ ފަރާތެއް ނަމަ އެވެ. އަދި މި މައްސަލައަކީ ޖިނާއީ ބޮޑު ކުށަކަށް ނުވާއިރު ދައުވާ ލިބޭ ފަރާތް ހުންނެވީ ވެސް ހައްޔަރަކު ނޫނެވެ.
އެކަންކަން ފާހަގަ ކުރައްވާ ހިޝާމް ވިދާޅުވީ ގަވާއިދާ ހިލާފަށް ސާމްޕަލް ނައިގެން ހަދާފައިވާ އެނަލިސިސް ރިޕޯޓުތައް ހެކީގެ ގޮތުގައި ހުށަނޭޅޭނެ ކަމަށެވެ.
ހިޝާމްގެ ވާހަކަތަކާ ގުޅުވައި ދައުލަތުން ބުނީ ހައްޔަރު ނުކުރާ ފަރާތްތަކުގެ ސާމްޕަލްތައް ނުނެގޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި ނޯންނަ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލާގައި ސާބިތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށެވެ.
އަދުރޭގެ ފަރާތްޕުޅުން އެދުނީ އިތުރު ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ އެނަލިސިސް ރިޕޯޓުތައް ތައްޔާރުކުރި ދެ އޮފިޝަލުންނާއި މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ހެކިބަހުގެ އިތުރުން އޯޑިއޯ އަދި ވީޑިއޯ ހެއްކަކީ ބަލައި ނުގަނެވޭނެ ހެކިތަކެއް ކަން ޝަރީއަތުން ކަނޑައަޅައި ދޭށެވެ.
ޝަރީއަތުގެ މަޖިލީސް ރޫޅައިލައްވަމުން ގާޒީ މިއަދު ވިދާޅުވީ މިމަސް ތެރޭގައި މި މައްސަލައަށް ގޮތެއް ނިންމަން އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.
އަދުރޭގެ މައްޗަށް ދައުލަތުން ދައުވާއެއް އުފުލާފައިވަނީ ނޮވެމްބަރު 28، 2019 ގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި ކުރިޔަށްދިޔަ މުޒާހަރާގައި ލައުޑް ސްޕީކަރު ބޭނުން ކޮށް ގާޒީންނަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބު ކުރުމުންނެވެ. އޭނާ ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.