ކްރިމިނަލް ކޯޓް

ދައުވާއަށް އަދުރޭ އިންކާރު ކުރައްވައިފި

އިދިކޮޅުގެ ދެ ސިޔާސީ ޕާޓީ އާއި އިދިކޮޅު ކޯލިޝަން ހިންގުން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އޭނާ ޝަރީއަތުގައި އިންކާރު ކުރައްވައިފި އެވެ.

ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދުރޭގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ގާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާަ ދައުވާ ސާފުނުވާ ކަމަށެވެ. އެހެން ނަމަވެސް ކޮށްފައިވާ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަދުރޭގެ ފަރާތްޕުޅުން ހިޝާމް ވިދާޅުވި އެވެ.

އަދުރޭގެ މައްޗަށް އުފުލާފައި ވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމު ދައުވާ އެވެ.

އަދުރޭގެ މައްޗަށް އުފުލާފައިވާ މި ދައުވާއަކީ ނޮވެމްބަރު 28، 2019 ގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ކުރިމަތީގައި އޮތް މުޒާހަރާގެ ތެރެއިން ލައުޑް ސްޕީކަރު ބޭނުން ކޮށް ގާޒީންނަށް ނިސްބަތްވާ ގޮތަށް ހަޑިހުތުރު ބަހުން މުހާތަބު ކުރުމުން އުފުލާފައިވާ ދައުވާ އެކެވެ.

މިއަދުގެ އަޑުއެހުމުގައި ހިޝާމް ވިދާޅުވީ ދިފާއުވާން ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާތީ އެ ފުރުސަތަށް އެދޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުންނާއި އަދުރޭގެ ފަރާތްޕުޅުން ވެސް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންކަމުން ދެން އޮންނަ ޝަރީއަތުގައި އޮންނާނީ ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ.