އިދިކޮޅު ފަރާތްތައް

ޕީޖީ ޝަމީމަށް އިދިކޮޅުގެ ތައުރީފު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން، ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާ ބައްދަލު ކުރައްވުމަށް ފަހު ޕީޖީއަށް ތައުރީފުކޮށްފި އެވެ.

އިދިކޮޅުގެ ކަންބޮޑުވުންތަކާއެކު ޕީޖީ އަރިހައަށް ވަޑައިގަތުމުން ޝަމީމް މިއަދު ވަނީ އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކޯލިޝަންގެ ހުރިހާ ކަންބޮޑުވުންތަކެއް ޕީޖީ އަޑުއެއްސެވި ކަމަށެވެ.

މި ބައްދަލްވުމުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އާއި އަދި އެ މަނިކުފާނުގެ މައްޗަށް ކުރިން ހިންގުނު ޝަރީއަތުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އިިދިކޮޅުގެ ވިސްނުން ހިއްސާ ކޮށްފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޖީގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ޕީޖީގެ މައްޗަށް އެބައޮތްތޯ ސުވާލުކުރި ކަމަށާ އެކަމާއި ގުޅިގެން މިވަގުތު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށާ ނުފޫޒެއް އަންނަ ދުވަހަކު މަގާމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.

"އެއްވެސް ޕްރެޝަރެއް އައިސްފިނަމަ ތިމަންނަ މިތާކު ނުހުންނާމޭ. ތިމަންނަ މި އުޅެނީ ކުރާނެ ކަމެއް ނެތިގެން ނޫނޭ. މިއީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއީ ޝަމީމްގެ ވިސްނުން އެބަހުއްޓޭ އެފަދަ ޕްރެޝަރެއް އަތުވެއްޖެއްޖެއްޔާ އެކަމަށް ނޫނެކޭ ބުނަން. އެދުވަހަކަށް އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ. އެއީ މި ސަރުކާރުން ޕްރެޝަރު ނުކޮށް ނުތިބޭނެ،"

އަބްދުއްރަހީމް ވިދާޅުވީ އެމްޑީއެން ރިޕޯޓް ލިޔުނު މީހުންގެ މައްޗަށް ތަހުގީގު ކުރިއަށްނުދާތީ އެކަމާވެސް އިދިކޮޅުން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަދި ޖިންސީ ކުށުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާއިރު ސަރުކާރުން އެކަންކަމަށް އިހުމާލުވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް ޕީޖީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ސަރުކާރަށް އިންޒާރު ދިން މީހުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފެންނަ ފޮޓޯތަކަކާއި ވީޑިއޯތަކެއް ލީކް ކުރި މައްސަލަ ބަލާފައިނުވާތީވެސް އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.