ހަބަރު

ދައުވާއަކަށް އަދުރޭ ނުސިހޭނެ: އިދިކޮޅު

Jan 10, 2021
8

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރިކަމުގެ ތުހުމަތުގައި ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތާވަލު ކޮށްފައިވާއިރު، އެފަދަ ދައުވާތަކަށް އޭނާ ނުސިހޭނެ ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.

ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ދާދި ފަހުން އިދިކޮޅާ ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުކުރި ދުވަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވަނީ ބޭއަދަބީ ބަހެއް ބޭނުން ކުރައްވާފަ އެވެ.

އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް އިއްވި ދުވަހު ވެސް މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް އެފަދަ ބަހެއް ބޭނުން ކުރައްވާފައި ވެއެވެ. އެ ދުވަހު އަބްދުއްރަހީމް ވަނީ ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރަށް ނިސްބަތް ކުރައްވާ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ.

އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާގެ ޝަރީއަތް މި މަހުގެ 31 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށް ޗިޓު ފޮނުވާފައިވާއިރު، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އަދުރޭ އަކީ ރައީސް ޔާމީންގެ ފަހަތްޕުޅުން ކޯލިޝަން ހިންގެވުމުގައި ނުގުޑާފަދަ އަޒުމެއްގައި، ސާބިތުކަމާއެކު ހުންނެވި ވަރުގަދަ ލީޑަރެއް ކަމަށެވެ.

"ދައުވާ މައްޗަށް ދައުވާ ކުރިޔަސް ނުސިހޭނެ،" އަދުރޭއަށް ނިސްބަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.