ހަބަރު

"ކުރަނީ ސިޔާސި ތުހުމަތެއް، ބައްޕަ ވަގުތުން ދޫކުރޭ"

ކުރިގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗައް ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި އެހެންވެ އެމަނިކުފާނު ވަގުތުން މިނިވަން ކުރަން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ.

ބައްޕާފުޅުއާއެކު ކުރިން ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވަމުން ދުންޔާ ވިދާޅުވީ އޭނާގެ ބައްޕައާއެކު އަލުން ހިނގާލަން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމަށެވެ. އަދި ރައީސް މައުމޫންއަކީ އިހްލާސްތެރިކަމާއެކު ގައުމު ބިނާ ކުރުމުގައި 30 އަހަރު ދުވަސް ހޭދަ ކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލާ ކަމަށެވެ.

"ބައްޕައަށް ކުރަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ގަބޫލުކުރައްވާ، އެ ތުހުމަތުތަކަށް އިންކާރު ވެސް ކުރައްވާ، ކޮންމެ ތުހުމަތެއް ކުރި ނަމަވެސް އިންސާފުވެރި ޝަރީއަތެއް ކުރިޔަށް ގެންދިޔުމުގެ ހައްގު ލިބެން ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ މިހެން ވިދާޅުވި އިރު ރައީސް މައުމޫން ހައްޔަރުކޮށްފައިވާ މައްސަލައާ ގުޅޭ ކަންބޮޑުވުންތައް އޭނާ ވަނީ އެޗްއާރްސީއެމްއަށް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ރާއްޖެއަށް ކަނޑައަޅާފައިވާ އދ. ގެ މަންދޫބަކަށް ވެސް އެ ކަންބޮޑުވުންތައް އޭނަ ވަނީ ހިއްސާކޮށްފަ އެވެ.

ދުންޔާ މިހާރު ހުންނެވީ އަދާކުރައްވާ ވަޒީފާއަށް ނުކުމެވަޑައިގަތުން ހުއްޓާލައްވައި، އާއިލާއަށް ވަގުތު ދިނުމަށް ހުސްވެ އެވެ. އަދި ސަރުކާރުން ވަކިވާން ތައްޔާރަށް ހުންނެވި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.