ހަބަރު

ސަރުކާރުން ވަކިވާން ތައްޔާރު، މިދަނީ ޗުއްޓީއަށް: ދުންޔާ

ހެލެތް މިނިސްޓްރީން މިއަދު ޗުއްޓީ ނަންގަވާފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ. ދުންޔާ މި ނިންމުން ނިންމަވާފައިވަނީ، އޭނާ އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަހަރެން މިހުރީ ނުކުންނަން ތައްޔާރަށް، މީގެކުރިން ވެސް އަހަރެން ނުކުތިން، އެމީހެއްގެ ނިންމުމަކީ އެމީހެއްގެ އަމިއްލަ ނިންމުމަށް ވާންޖެހޭ،" ކަމަށެވެ.

"އަހަރެންގެ އޮތީ ހަމަ އެންމެ ސުވާލެއް، ހުރިހާ ކަމެއް ދޫކޮށް ނުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް މި ވަގުތު އެންމެ ރަނގަޅު ގޮތްތޯ ނޫނީ ޒިންމާދާރު ކަމެއްތޯ،" ދުންޔާ ވިދާޅުވެފައިވެ އެވެ.

ދުންޔާ މައުމޫން މި ނިންމުން ނިންމަވާފައިމިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ހައްގުތަކެއް ހިފެހެއްޓުމަށްފަހު ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްފައިވަނިކޮށެވެ. އޭގެއިތުރުން ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ހުންނެވީ ހައްޔަރުގަ އެވެ.

ރައީސް މައުމޫން ދޫކޮށްލުމަށް ވެސް އިއްޔެ ފުރަތަމަ ފަހަރަށް ދުންޔާ ގޮވާލެއްވި އެވެ. އޭގެ ސަބަބުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ހިތްހަމަ ނުޖެހިގެން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.

ދުންޔާ ސަރުކާރުން ވަކިވާން ނިންމަވާފައިވާއިރު، ގައްސާން މައުމޫން ވެސް ހުންނެވީ ސަރުކާރުގަ އެވެ. ޔުމްނާ އާއި ފާރިސްއަކީ މިހާރު އިދިކޮޅުގެ އެންމެ ކުރީ ސަފުގައި ތިއްބަވައި ދެވަނަ ޖީލުގެ ލީޑަރުންނެވެ. ފާރިސްއަށް ދިމާވި ކަންކަމުގައި އެންމެ ގާތުގައި ހުންނެވީ ޔުމްނާ އެވެ. ފާރިސް ޔުމްނާ ސިފަ ކުރައްވަނީ "ސުޕަހީރޯ"އެއްގެ ގޮތުގަ އެވެ.