ރައްޔިތުންގެ މަޖިލިސް

އެންއައިސީ މެންބަރުން އައްޔަންކުރަން މާދަމާ މަޖިލިސް ފަށަނީ

ނޭޝަނަލް އިންޓެޑްރިޓީ ކޮމިޝަނަށް (އެންއައިސީ) މެންބަރުން އައްޔަން ކުރުމަށް އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ރަސްމީކޮށް މާދަމާ ފަށާނެ ކަމަށް މަޖިލީހުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަމަކީ އެންއައިސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮޮޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމަވައި އެ މައްސަލައާ ގުޅޭ ކޮމިޓީއަށް ނަންތައް ދިރާސާ ކުރަން ފޮނުވުމެވެ.

މާދަމާގެ ޖަލްސާގައި، ޖަޕާންގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީިން ފޮނުވާފައިވާ ނަންފުޅު ދިރާސާ ކުރުމަށްފަހު އެކަމާ ގުޅޭ ކޮމިޓީއަށް މައްސަލަ ފޮނުވުން ވެސް އެޖެންޑާ ކޮށްފައި ވެއެވެ. އެގޮތުން ޖަޕާންގެ ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ، މ. ފޭމަންްސް، އިބްރާހިމް އުވައިސްގެ ނަންފުޅެވެ.

މިއަހަރަށް މަޖިލިސް ހުޅުވައި ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަ ވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ ބަޔާން އިއްވަވާފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެ ޖަލްސާވަނީ ބޮއިކޮޓް ކޮށްފަ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ މަޖިލީހުގެ ރައީސް އޭރު ވަނީ ޖަލްސާ ކެންސަލް ކޮށްފަ އެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރައީސް ޔާމީން މަޖިލީހަށް ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމުމަށް ދައުރުން ބޭރުން ވަނީ ދެ ޖަލްސާއެއް ބާއްވައި، ރައީސް ހުށަހެޅި ގަރާރު ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ޖަލްސާ މާދަމާ ފަށާއިރު، މިމަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގެ އެއްބައިގައި ވަނީ ފްލޯ ކްރޮސް ކުރުމުގެ ސަބަބުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި، މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. މަޖިލީހުން އެމެންބަރުންނަށް މަޖިލީހުގެ ޖަލްސާއަށް ދައުވަތު ވެސް ދީފައި ވެއެވެ. ނަމަވެސް އެކަން ތަންފީޒު ނުކޮށް މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން ފަހުން ވަނީ އަމުރު ކޮށްފަ އެވެ.