އިތުބާރު ނެތުމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަކިކުރި އެ ކޮމިޝަންގެ ކުރީގެ މެންބަރު އަހުމަދު އަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހެޑް އޮފް އިންވެސްޓިގޭޝަންގެ މަގާމަށް އައްޔަން ކުރި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފިއެވެ.
އެ މައްސަލަ ބަލައިދިނުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް އެވެ. ޝަފީގް ހުށަހެޅުއްވުން ވަނީ ކޮމިޓީ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.
މި މައްސަލަ ވަނީ މިއަދު ބާއްވާ ކޮމިޓީ ބައްދަލުވުމަށް އެޖެންޑާ ކޮށްފައެވެ. މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައި ވަނީ އެންއައިސީގެ ކުރީގެ މެންބަރަކާ ގުޅޭ ގޮތުން ކޮމިޓީގެ މެންބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.އެއީ ކުރިން މެންބަރު ޝަފީގު ހުށަހެޅުއްވި އަމީނަށް އޭސީސީން މަތީ މަގާމެއް ދިން މައްސަލައެވެ.
ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ރިޕޯޓުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ކަނޑައަޅާފައިވަނީ ބަލަން ޖެހޭ މިންވަރަށް ނުބާލާ ކަމަށްވާތީވެ، މައްސަލާގައި ފުލުހުންގެ އިހުމާލު އޮތުން އެކަށީގެންވާ ކަމަށް ގަބޫލުކުރެވޭތީ މެންބަރުންގެ އެންއައިސީގެ އޭރުގެ މެމްބަރުންގެ ގާބިލުކަމާ މެދު ސުވާލު އުފެދީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ނެވެ. އެ ކޮމިޓީން ވަނީ އަމީން ހިމެނޭ ގޮތަށް ކޮމިޝަންގެ ހަތަރު މެންބަރުން ވަކިކުރަން ނިންމާފަ އެވެ. ކޮމިޓީން އެހެން ނިންމާފައި ވަނިކޮށް އެންއައިސީގެ މެންބަރުކަމުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އަމީން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އޭސީސީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަމީން އައްޔަން ކުރި ސަބަބެއްގެ ގޮތުގައި އޭނާގެ ގާބިލްކަން ފާހަގަކޮށް ކޮމިޓީއަށް ސިޓީއެއް ވެސް ކުރިން ފޮނުވާފައިވެއެވެ.
މިނިވަން މުއައްސަސާއެއްގެ މަސްއޫލިއްޔަތު އަދާކުރަން ފެއިލްވި ކަމަށް އެމްޑީޕީގެ މެންބަރުން ނިންމި އަމީނަކީ އޭސީސީގައި މިހާރު ތިއްބަވާ މެންބަރުންނާ ގަތް ބޭފުޅެއް ކަމަށް ވެސް ތުހުމަތު ކުރެއެވެ. އިންވެސްޓިގޭޝަން ހެޑްގެ މަގާމަށް އަމީން އައްޔަންކޮށްފައިވަނީ އޭސީސީ މެންބަރުންގެ އެދުމުގެ މަތިނެވެ.