ހަބަރު

މަގާމުން ވަކިވިޔަސް އަދަބުން ސަލާމަތް ނުވެވޭނެ: ވިސާމް

ކުރީގެ ސަރުކާރުގެ ދުވަސްވަރު މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެތައް ގޯހެއް ހިންގެވި ކަމަށާއި، އެ ބޭފުޅުން މަގާމުން ވަކިވުމަކީ އެ ކުރެއްވި ކަންކަމުން ބަރީއަވާން ލިބިދޭ ފުރުސަތަކަށް ވެގެން ނުވާނެ ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުންތަކެއް ވަކިކުރަން ނިންމުމާއެކު އެއިން ބައެއް މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ މެންބަރުން ވަކިކުރަން ނިންމައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުން މެންބަރު ވިސާމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި އެތައް ކަމެއް ކޮމިޝަންތަކުން ނުބަލާ އިހުމާލުވެފައިވާ ކަމަށެވެ.

އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގައި ދެން ތިއްބެވި ބައެއް މެންބަރުންނަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ކަން ވިސާމް ފާހަގަ ކުރެއްވި އެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން، ވަކި ޓީވީ ސްޓޭޝަނަކަށް އަމާޒުކޮށްގެން އިންސާފުން ބޭރުން ޖޫރިމަނާގެ ފިޔަވަޅުތައް އެޅިކަން ފާހަގަ ކުރެއްވި އެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް ބަލަން ޖެހޭ މައްސަލަތައް ބަލާފައި ނެތް ކަމަށް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެ ކޮމިޝަންގެ މެންބަރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އަލުން ފުލުސް އޮފީހަށް އާންމު ރައްޔިތަކު ހުށަހަޅައިގެން ދިގު ޕްރޮސެސްއެއް ހިންގުމުގެ ބަދަލުގައި އެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމު ކުރަން ޖެހޭ ކަމަށެވެ.

"އެ މީހުން އިސްތިއުފާ ދެއްވިކަމުގައި ވިޔަސް، އެ ކޮމިޝަންގެ މެންބަރުން މަގާމުގައި ތިއްބެވި އިރު ހިންގި ކަންކަން ބެލޭނެ އިންތިޒާމެއް ހަމަޖައްސަން އެބަ ޖެހޭ. އަނެއްކާ ވެސް ފުލުސް އޮފީހަށް އާންމު ރައްޔިތަކު ހުށަހަޅައިގެން އަނެއްކާ ހަމަ އެ މައްސަލަތަކެއް ބެލޭ ގޮތަށް އޮތުމަށް ވުރެ ރަނގަޅު ގޮތެއް،" ވިސާމް ވިދާޅުވި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކު، މިނިވަން މުއައްސަސާތަކުގައި ތިބި މެންބަރުން ވަކިކުރުމުގެ މަސައްކަތެއް ފެށި އެވެ. ބްރޯޑްކޮމްގެ މެންބަރުން ވަކިކުރިއިރު، އޭސީސީގެ މެންބަރުންގެ ދައުރު ހަމަވުމުން އާ މެންބަރުންތަކެއް އައްޔަން ކުރި އެވެ. މިއަދު ސީއެސްސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ނިންމާލިއިރު، އެޗްއާރުސީއެމް އާއި އެންއައިސީގެ މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމާފައިވެ އެވެ.