ހަބަރު

ފުޑް ކޯޓުތައް ރޯދަ މަހުގެ ކުރިން ހުޅުވަނީ

މާލޭގެ ހުޅަނގު ދެކުނު ފަރާތު ހާބަރުގައި ކުރިން ހުރި ކަޑަތައް ހައުސިން މިނިސްޓްރީން ރޫޅާލައި އެތަންތަން ނެގުމަށްފަހު، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ދީގެން ހަދަމުންދާ "ޒަމާނީ ފުޑްކޯޓުތައް" ރޯދަމަހުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހާބަރުގައި ހައުސިން މިނިސްޓްރީން ތަރައްގީކުރާ ފުޑް ކޯޓުތަކުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ފަހުކޮޅަށް ނިންމަން ފެށި މަސައްކަތެކެވެ. ނަމަވެސް އެކަން ނުވެ ސުންގަޑި ހަމަވީ އެވެ. ސަބަބެއް ކަމަށް އެތަން ތަރައްގީކުރާ އެސްޓީއޯއިން ބުނީ ފުޑުކޯޓްތައް ނުނިމި ލަސްވަނީ މަސައްކަތް ކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުމެވެ.

މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ ކުރާ ފުޑް ކޯޓުގެ އަމީނީމަގާވީ ފަޅި އަންނަ އޭޕްރީލް މަހު ހުޅުވާނެ ކަމަށެވެ. އިއްޒުއްދީންމަގާވީ ފަޅި ހުޅުވާނީ މޭ މަހުގެ ތެރޭގައި ކަމަށާއި ރޯދަ ފެށުމުގެ ކުރިން ކަމަށެވެ.

ފުޑް ކޯޓު އަޅައި ސަރަަހައްދުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 30،000 އަކަފޫޓް ހުރެ އެވެ. ކުރިން 40 ހަކަށް ހާބަރު ކަޑަތައް ހުންނަ އިރު އެތަން ފުޑް ކޯޓައް ބަދަލުވުމުން ހުންނާނީ 27 ތަނެވެ. ހައުސިން މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އެތަން އިތުރަށް ސާފުތާހިރުވެ ހިއްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށެވެ.