ހަބަރު

ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ފުލުހުން ދަނީ އޮޅުވާލަމުން: އެމްޑީޕީ

Mar 5, 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފަހުން ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުން އޮޅޭ ގޮތަށް އާންމުކުރަމުންދާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީއިން މިހެން ބުނެ ބަޔާނެއް ނެރުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެ ފުލުހުން ޓްވީޓްކުރުމުންނެވެ. އެއީ ހަގީގަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓްވީޓެއް ކަމަށް އެމްޑީޕީއިން ބުންޏެވެ.

އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދަކީ 110 ކަމަށެވެ. އޭގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 36 އަށް އަރާފަ ކަމަށެވެ. އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފަ ކަމަށެވެ.

އޭގެތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި އެބަތިބި ކަމަށާއި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު އެބަހުރި ކަމަށް އެމްޑީޕީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާ އެ ޕާޓީން ބުނެފައިވެ އެވެ.

"ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގޮޅޭ ގޮތުން އާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާ ކަމީ މިޕާޓީ އިންތިހާއަށް ކަންބޮޑުވާ ކަމެއް، އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަން،" އެމްޑީޕީއިން ބުންޏެވެ.

ފުލުހުން ބުނާ ގޮތުގައި އިދިކޮޅު ހަރަކާތްތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް ހައްޔަރުކުރީ 48 މީހުންނެވެ. އޭގެ ތެރެއިން 47 މީހުން ވަނީ ދޫކޮށްފަ އެވެ. އިތުރު އެއްވެސް ތަފާސް ހިސާބެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި އަމަން ނަގާލުމުގެ ތުހުމަތުގައި ވެސް ގިނަ ބަޔަކު ހައްޔަރުގައި ތިބިކަން ވަކީލުން ވެސް ދަނީ ފާހަގަކުރަމުންނެވެ.

އެ މީހުންގެ އިތުރުން އެއްވުމުގެ ތެރެއިން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަދިވެސް ހުންނެވީ ފުލުސް ހައްޔަރުގަ އެވެ.