ހަބަރު

އެޑިޓަރުންގެ ޝަރުތު އިސްލާހުކުރަން މަޝްވަރާކޮށްފި

ފަސް އަހަރު ދުވަހުގެ ތަޖުރިބާއާއެކު ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނެތް އެޑިޓަރުން މަގާމުން ވަކިވާ ގޮތަށް ނޫސް މަޖައްލާ ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގައި އޮތް އޮތުން އިސްލާހުކުރުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ހޯމް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ، އެޑިޓަރުންނާ ބެހޭ މާއްދާ ބަދަލުކުރުމާ ބެހޭގޮތުން ހޯމް މިނިސްޓްރީއާއެކު މިއަދު ކުރި މަޝްވަރާތަކަށްފަހު އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ކަމާމެދު ނިންމާ ގޮތެއް އެ ކައުންސިލަށް އަންގާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން މިއަދުގެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން މިދިޔަ މަހުގެ 15 ވަނަ ދުވަހު ގެޒެޓްކުރި ނޫސް މަޖައްލާއާ މިނޫންވެސް ތަކެތި ރަޖިސްޓްރީކުރުމާބެހޭ ގަވާއިދުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ ދާއިރާ ނުވަތަ ގުޅޭ ދާއިރާއަކުން ޑިގްރީ ފެންވަރަށް ކިޔަވާފައި ހުރުމާއި ރަޖިސްޓްރީކޮށްގެން ހިންގާ ނޫހެއްގައި ފަސް އަހަރު އުޅެފައި ނުވާނަމަ އެޑިޓަރު ކަމުގެ ޝަރުތު ހަމަނުވާނެ ކަމަށެވެ. ޝަތުރު ހަމަނުވާ އެޑިޓަރުން ތިބިނަމަ ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އެޑިޓަރުން ބަދަލު ކުރުމަށް އެ މިނިސްޓްރީއަށް ހުށަހަޅަން ނޫސް ހޯމް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ނޫސްމަޖައްލާ ފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގަވާއިދު ބުނާ ގޮތުން ނޫސްމަޖައްލާތަކުގެ ކޮންޓެންޓް ބެލެހެއްޓުމަށް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އެޑިޓަރެއް ހުންނަންޖެހޭނެ އެވެ. އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިރުކުރާ ނޫހެއްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ އެވެ. އަދި ފާއިތުވި ތިން އަހަރުގެ ޝާއިއުކުރި ލިޔުމެއްގެ ސަބަބުން ހުކުމެއް އައިސްފައިނުވާ ފަރާތަކަށް ވެސް ވާންޖެހޭނެ އެވެ.