އިމާރާތްކުރުމުގެ މަސައްކަތަށް މަގުމަތީގައި އަޅާ ޑި ވޯޓާ ހޮޅި ނުވަތަ ފެން ހިންދާ ހޮޅި މާލޭގެ މަގުތަކުގައި ގިނަވަމުންދާތީ ފެން ހިންދާ ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓުވިޓާ މެދުވެރިކޮށް މިނިސްޓަރު މިރޭ ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގައި ހޮޅިތައް ގިނަވަމުން ދަނީ އާންމުންނަށް އުނދަގޫވާ މިންވަރަށް ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް ޑީވޯޓާ ނިޒާމެއް އެމްޑަބްލިއުއެސްސީއާ ގުޅިގެން ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. ޑީވޯޓާ ނިޒާމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރުގެ ކުރު ޓުވީޓުގައި އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.
މާލޭގެ މަގުތަކާއި ދުވާރުތައް މަތިން ހޮޅި އަޅާފައި އޮތުމަކީ އާންމުން ކުރާ ޝަކުވާއެކެވެ. މިފަހުން އެކަން މިނިސްޓަރުގެ ސަމާލު ކަމަށް ގިނަ ބަޔަކު ޓްވިޓާގައި ގެނަ އެވެ. ދުވާރު މަތީގައި ހޮޅިތައް ހުރުމުން ހިނގާ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވެ އެވެ.