ލައިފްސްޓައިލް

އަންހެންވެރިން ސައި ހޮޓަލަށް: ކީއްވެ ނުދާންވީ؟

ދިވެހި މުޖުތަމައުގައި އާންމުންގެ ގަބޫލު ކުރުންތައް އޮންނަ ގޮތުން ސައި ހޮޓާތަކަށް އަރާނީ ހަމައެކަނި ފިރިހެނުންނެވެ. އަންހެނަކު ހޮޓަލަކަށް ސައި ބޯން އެރުމަކީ އިހުއްސުރެ ލަދުވެތި ކަމެއްގެ ގޮތުގައި އޮތް ކަމެކެވެ. އެކަމަކު އެ ގަބޫލު ކުރުން ބަދަލު ކުރުމަށް މިއަދު އަންހެންވެރިން މި ވަނީ ސައި ހޮޓާތަކަށް އަރައި ރަނގަޅަށް ސައިބޮއި ކައިފައެވެ.

"ކީއްވެ ނުދާންވީ؟" ގެ ނަމުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހާއްސަ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

މި ހަރަކާތަކީ ރާއްޖޭގައި ހުންނަ ޖުނިއާ ޗެންބާސް އިންޓަނޭޝަނަލް މޯލްޑިވްސް (ޖޭސީއައި) އާއި ޖޭސީއައި ކާފު އަދި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވުމަން އެންޑް ޑިމޮކްރާސީ އިން އިސް ނަގައިގެން އަންހެނުންގެ ދުވަހަށް ހާއްސަ ކޮށްގެން، "ކީއްވެ" އިނީޝިއޭޓީވްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. "ކީއްވެ" އަކީ ދިވެހި މުޖުތަމައުގައި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް ފެށި ހަރަކާތެކެވެ.

މި ހަރަކާތުގެ ދަށުން މިއަދު އަންހެންވެރިން ވަނީ މާލޭގައި ހުންނަ ސައި ހޮޓާތަކަށް އަރައި މެންދުރުގެ ކެއުމަށް އިންސާފުކޮށްފަ އެވެ. މަޝްހޫރު ފަސޭހަ ޕޮއިންޓާއި ހޮޓަލާއި އަދި "މޫން ކެފޭ" އަށް ވަރަށް ބާރުބޮޑުވި އެވެ.

ހަރަކާތް ކުރިއަށްގެންދިޔަ ފަރާތްތަކުން ބޭނުންވަނީ މި ހަރަކާތުގެ ދަށުން މުޖުތަމައުގައި އޮތް މިފަދަ ގަބޫލުކުރުން ބަދަލުކޮށް، ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ސައި ހޮޓާތަކަށް ގޮސް ކައިބޮއި އުޅުމުގެ ފުރުސަތު އޮންނަޖެހޭނެކަން އަންގައިދިނުމެވެ.

މީގެ ކުރިން ދިވެހި މުޖުތަމައުގައި މިނިވަންކަމާއެކު އަންހެނުންވެރިންނަށް ހޮޅު އައްޓަށް ގޮސް އުޅެވުނު ފަދައިން މިހާރުވެސް ސައި ހޮޓާތަކަށް ގޮސް އަތްފޯރާ އަގެއްގައި ކައިބޮއި ހެދުމުގެ ފުރުސަތު އެމީހުނަށް ދިނުމެވެ.

މި ހަރާކަތުގައި ބައިވެރިވި ގިނަ ބަޔަކު މިއަދު ވަނީ ޓުވިޓާގައި އެމީހުންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

ހޮޓަލަކީ އަންހެނުން އަންނަ ތަނެއް ނޫންކަމަށް ބުނެ ބައެއް މީހުންގެ ފަރާތުން މަލާމާތައި އެކި ކަހަލަ ފުރައްސާރަ ރައްދުވި ކަމަށް ބައެއް މީހުން ބުނެފައިވާއިރު، ހޮޓާތަކަށް ވަތް ބައެއް އަންހެންވެރިންނަށް ތިބީ ވަރަށް އުފަލުންނެވެ. އަގުހެޔޮކޮށް މީރު ކާއްއެޗެހި ހޮޓާތަކުން ލިބޭއިރު، އެތަންތަނަކީ އަންހެނުނަށްވެސް މިނިވަންކަމާއެކު ވަދެވެންޖެހޭނެ ތަަންތަން ކަމަށް ބުނެފައިވެ އެވެ.

މި އިނީޝިއޭޓީވްގެ ދަށުން މިއަދު އިތުރު ދެ ހަރަކާތެއްވެސް ކުރިއަށް ގެންދާނެ އެވެ. އެއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ކުރިމަތިވަމުންދާ ފުރައްސާރަތަކާއި ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމަށް ބާއްވާ ޝެޝަނެއްގެ އިތުރުން އަންހެނުންގެ ސިއްހީ ދުޅަހެޔޮކަމަށް ވިސްނާއި އެމީހުނަށް ބޭނުންވާ ސެނިޓެރީ ޕެޑްފަދަ ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް "ފްރީ ދަ ޕެޑް މޫވްމަންޓް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށާނެ އެވެ.