އެމްޑީޕީ

އަމަން ނަގާލާކަށް ނޫޅޭ، ފުލުހުން ހަދަނީ ދޮގު: އެމްޑީޕީ

މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ރާވާކަމަށް ބުނެ ފުލުހުން ދީފައި ވަނީ ދޮގު މައުލޫމާތުތައް ކަމަށާއި އެފަދަ އަމަލެއް ބަޔަކު ނުހިންގާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އިދިކޮޅު އެމްޑީޕީން އެހެން ބުނީ މާލެ ތެރޭގެ އަމަން އަމާންކަން ނަގާލައި ތަންތަނުގައި ހުޅުޖަހަން ރާވައި، އެކަމަށް މަގުފަހި ކުރަމުން ދިޔަ ކަމަށް ބުނެ އެ ޕާޓީއަށް ނިސްބަތްވާ ބައެއް މީހުން ހައްޔަރު ކުރުމާ ވެސް ގުޅިގެނެވެ.

އެކަން ކުށްވެރިކޮށް އެ ޕާޓީއިން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ދިން އެ މައުލޫމާތަކީ ސާބިތުނުހިފޭ މައުލޫމާތުތައް ކަމަށާއި އެއީ އެ އެމްޑީޕީއާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދައި މުޖުތަމައުގައި ބިރުވެރިކަން އުފެއްދަން ކުރާ ކަމެއް ކަމަށެވެ.

އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ބާރު އަޅާ ޕާޓީއެއް ކަމަށާއި އާންމު ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުތައް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދޭން އެ ޕާޓީން ގޮވާލި އެވެ.