ހަބަރު

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ފަވުދެއް ރާއްޖޭގައި

ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ (އޭބީއޭ) އަހަރީ ބައްދަލުވުމާ ގުޅޭ ބައެއް މަސައްކަތްތަކަށް އެ ޖަމިއްޔާގެ ވަފުދެއް ރާއްޖެ އަށް އައިސްފި އެވެ. ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އޭބީއޭގެ ޗެއާމަން ޑެނިއަލް ވޫ އެވެ.

އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ ސަރަހައްދީ ފެންވަރުގައި ގައުމުތަކުގެ މާލީ އިދާރާތައް ޒިންމާދާރުކުރުވަން މަސައްކަތްކުރާ ބޮޑު ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބޮޑު އެއް ބައްދަލުވުން ބާއްވަ އެވެ. މިއަހަރުގެ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގަ އެވެ. އެއީ އެ ޖަމިއްޔާގެ 35 ވަނަ އަހަރީ ބައްދަލުވުމެވެ.

ސަހަރައްދީ 25 ގައުމެއްގެ 80 އެއްހާ މާލީ އިދާރާތަކުން ބައިވެރިވާ އެ ކޮންފަރެންސް ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ނޮވެމްބަރު މަހު ބާއްވާ ކޮންފަރެންސްގައި މާލީ ދާއިރާތަކުގެ 200 އަށްވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ. ކޮންފަރެންސަށް ފަހު އޭބީއޭގެ އަހަރީ އާންމު ޖަލްސާ ވެސް ބާއްވާނެއެވެ. ބެންކް އޮފް މޯލްޑިވްސް އިން އިންތިޒާމްކުރާ އެ ކޮންފަރެންސްގެ ބޯޑުގައި ބީއެމްއެލް ތަމްސީލްކުރައްވަނީ އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލުން ބުނީ އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބައްދަލުވުމަކީ ޝަރަފުވެރި ބައްދަލުވުމަކަށް ވެފައި އެފަދަ ބައްދަލުވުމެއް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުމަކީ މާލީ ދާއިރާއަށް ލިބޭ ފަހުރެއް ކަމަށެވެ. އޭޝިއާގެ ބޭންކިން ދާއިރާގެ ކުރިމަގުގެ ތަސައްވުރަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެ ކަމަށެވެ.

"މިހާރު ވަޑައިގެން އުޅުއްވާ ވަފުދާ އެކު ވަރަށް މުހިންމު އަދި ބޭނުންތެރި ބައްދަލުވުންތަކެއް އަޅުގަނޑުމެން މިއަދު ވަނީ ބާއްވާފައި،" ބީއެމްއެލުން ބުންޏެވެ.

އޭބީއޭގެ ވަފުދުން ވަނީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި އެމްއެމްއޭގެ ގަވަނާ އަހުމަދު ނަސީރާ ވެސް ބައްދަލުކުރައްވާފަ އެވެ.

ނޮވެމްބަރުމަހުގެ 15 އިން 16 އަށް ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެ ކޮންފަރެންސްގެ މިއަހަރުގެ ތީމް އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ" އެވެ.