ހަބަރު

ތުހުމަތުތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މައުމޫނާ ސުވާލުކޮށްފި

ސަރުކާރު ވައްޓާލުމާއި ރިޝްވަތު ދިނުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރާ ތުހުމަތުތަކާ ގުޅިގެން ފުރަތަމަ ފަހަރަށް މިއަދު އެމަނިކުފާނާ ފުލުހުން ސުވާލުކޮށްފި އެވެ.

މައުމޫނަށް ފުލުހުން ވަނީ ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ.

މަައުމޫންގެ ވަކީލް އިބްރާހިމް ފައިސަލް މިއަދު ވިދާޅުވީ އަސާސެއް ނެތް ތުހުމަތުތަކެއްގައި 33 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ތުހުމަތުތަކާ ގުޅިގެން ފުލުހުން މިއަދު މަައުމޫނާ ސުވާލުކޮށްފައިވީ ނަމަވެސް ކުރާ ހުރިހާ ތުހުމަތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް މައުމޫން ވިދާޅުވަމުން ގެންދެވި ގޮތަށް އެމަނިކުފާނުގެ މައްޗަށް ކުރާ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ގަބޫލުކުރާތީ އެފަދަ ތަހުގީގަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް މިއަދުވެސް މައުމޫން ވިދާޅުވެފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މައުމޫންގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އެމަނިކުފާނާމެދު އަމަލުކުރަނީ ގާނޫނާ ހިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ. އެކަމާ ގުޅިގެން މީގެ ކުރިން އެމަނިކުފާނުގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވަނީ، ރައީސް މައުމޫން އެންމެ ފުރަތަމަ ދޫނިދޫއިން މާފުއްޓަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ފަހުން މޫފުށިން ދޫނިދޫއަށް ވެސް ބަދަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މިހާރު އެމަނިކުފާނު ބަންދުގައި ދަމަހައްޓާފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެމަނިކުފާނު ބަންދުކޮށްގެން އުޅޭ ފަރާތްތަކަށް އެކަން ސައްހަކުރުމަށް އެއްވެސް ގާނޫނީ އަސާސެއް ނުދެއްކޭނެ ކަމަށް ވެސް ވިދާޅުވި އެވެ.