ހަބަރު

ހައްޔަރުގައި ތިބި ފުލުހުންނާ ސުވާލުކުރާތީ ކަންބޮޑުވެއްޖެ

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ ތުހުމަތަކެއްގައި ހައްޔަރުކޮށްފައި ތިބި ފުލުހުންނާ، ވަކީލުން ނެތީސް ތަހުގީގީ ފުލުހުން ސުވާލުކުރާ ކަމަށް ބުނެ އެ މީހުންގެ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަށް ފުލުހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް ކުރަނީ އެއް ތުހުމަތެކެވެ. އެއީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަކީލުންގެ ޣައިރުހާޒިރުގައި ހައްޔަރުގައި ތިބި މީހުންނާ ފުލުހުން ސުވާލުކޮށް ހަދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެގޮތަށް ފުލުހުން ސުވާލުކުރާތީ ވަކީލުންގެ ޣައިރު ހާޒިރުގައި ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދޭން އެމީހުން ނިންމާފައިވާ ކަމަށެވެ.

ޖިނާއީ ތުހުމަތެއްކޮށް ދޫނިދޫގައި ބަންދުކޮށްފައި މިހާރު ތިބި ފުލުހުންނަކީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ބައެއް ކަމަށް ވަކީލުން މިއަދު ވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެމީހުން ބަންދުކޮށްފައިވަނީ ވެރިން ކުރި އަމުރުތަކަށް ކިޔަމަންވުމުގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށާއި ވެރިން ކުރާ އަމުރަކަށް ކިޔަމަންވެގެން ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ދިވެހި ހުރިހާ ފުލުހުންނަށް އެ ބިރު އެބައޮތްކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި ހިމެނެނީ އިންސްޕެކްޓާ ސައިފް ހުސައިންއާ، ޗީފް އިންސްޕެކްޓާ ފާއިޒް މުހައްމަދާއި، ސާޖަންޓް އަލީ ރިސްވާން އަހުމަދާ، ސާޖަންޓް އަބްދުﷲ ރިޔާޒާ، ސާޖަންޓް އަހުމަދު އާސިމާ، ސާޖަންޓް އަލީ ނަސީރުގެ އިތުރުން ކޯޕަރަލް ހަސަން ނަސީރާއި މުހައްމަދު ޝާމިން އެވެ.

މި އެންމެ ވެސް ތިބީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގަ އެވެ.