ހަބަރު

ލަންކާގެ ޑިފެންސް ޔުނިވަސިޓީން ރާއްޖެެއަށް އަހަރަކު 20 ޖާގަ

ސްރީލަންކާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އެގައުމުގެ ކޮޓެލަވަލަ ޑިފެންސް ޔުނިވަސިޓީން މެޑިސިންގެ ދާއިރާއަށް ކިޔެވުމަށް އަހަރަކު 20 ޖާގަ ރާއްޖޭގެ ދަރިވަރުންނަށް ދޭން ނިންމައިފި އެވެ.

މެޑިސިންގެ ދާއިރާއިން ތައުލީމް ހާސިލްކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ކޭޑީޔޫއިން ކޮންމެ އަހަރަކުވެސް މަދުވެގެން 20 ޖާގަ ހާއްސަކޮށް އެކަމުގެ އެއްބަސްވުމެއްގައި މިއަދު ސްރީލަންކާއާ އެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސޮއިކޮށްފަ އެވެ. ކޭޑީޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ރިއާ އެޑްމިރަލް ޖޭޖޭ ރާނާސިންހަ އެވެ. ސަރުކާރުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.

ރާއްޖޭގައި އަހަރުން އަހަރަށް މެޑިސިންގެ ދާއިރާއިން ތައުލީމް ހާސިލްކުރަން ބޭރަށް ދާ ކުދިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 74 ދަރިވަރަކު ވަނީ ރާއްޖެއިން ބޭރަށް މެޑިސިން ކިޔެވުމަށް ފުރާފަ އެވެ.

ކޭޑީޔޫ އިން ރާއްޖެއަށް މިއަދު ދިން ފުރުސަތަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ކޭޑީޔޫ އަކީ މިހާރުވެސް ދިވެހި ދަރިވަރުންގެ މެދުގައި މަގްބޫލު ޔުނިވަސިޓީއެއް ކަމަށެވެ. މެޑިސިންގެ ދާއިރާއިން ޔުނިވަސިޓީތަކުން ޖާގަ ހޯދުން އުނގަދޫކަމަކަށް ވެފައި އޮތްއިރު ކޭޑީޔޫ އިން ރާއްޖެއަށް 20 ޖާގަ ހާއްސަކުރުމަކީ ދިވެހި ކިޔަވާކުދިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް މިނިސަޓަރު ވިދާޅުވި އެވެ.

މެޑިސިންގެ ދާއިރާއިން މިހާރުވެސް ރާއްޖޭގެ 300 އަށްވުރެ ގިނަ ދަރިވަރުން ބޭރުގެ އެކި ޔުނިވަސިޓީތަކުގައި ތައުލީމް ހާސިލްކުރެ އެވެ.

ކޭޑީޔޫގައި ރާއްޖޭގެ 34 ވަރަކަށް ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވައި ވައިސް ޗާނެސެލާ ރާނާ ސިންހަ މިއަދު ވިދާޅުވީ އެކުދިން ހޯދާ ނަތީޖާއާ މެދު ފަހުރުވެރިވާކަމަށެވެ. އަދި ވިދާޅުވީ ތައުލީމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ މަސައްކަތްތަކަށް އެ ޔުނިވަސިޓީގެ އެއްބާރުލުން ކުރިއަށްއޮތް ތަނުގައި ވެސް ދެއްވާނެ ކަމަށެވެ.

ކޭޑީޔޫއިން ރާއްޖެއާއެކު މިއަދު ސޮއިކުރި އެއްބަސްވުމަކީ ދެގައުމުގެ ޖޮއިންޓް ކަމިޝަނުން ކުރި މަޝްވަރާތަކަކާ ގުޅިގެން ރާއްޖެއަށް ދިން ފުރުސަތެކެވެ. އެ މަޝަވަރާތަކުގައި އެ ގައުމުގެ ކޮލަމްބޯ ޔުނިވަސލިޓީން ވެސް ރާއްޖެއަށް ކިޔެވުމުގެ ފުރުސަތުތަކެއް ދޭން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ސްކޮލާޝިޕްތައް ވެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.