ޑޮމެސްޓިކް އެއާޕޯޓް

ހޯރަފުށީ ކައިރިން މާފިނޮޅުގައި އެއާޕޯޓެއް ހަދަނީ

Mar 12, 2018
3

ހއ. ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވެ އެވެ. ހއ. އެއާޕޯޓެއް އެޅުމަކީ އެ އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. މިހާރު އެ އަތޮޅު ރައްޔިތުން ބޭނުން ކުރަމުން ދަނީ ހދ. ހަނިމާދޫ އެއާޕޯޓެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހޯރަފުށީގެ ހުޅަނގަށް އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާތީ އީއައިއޭ ހަދާނެ ބަޔަކު ހޯދުމަށް އިއުލާންކުރާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހު މައުލޫމާތު ސާފުކޮށް މި މަހުގެ 25 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމަށް ތައްޔާރުވަމުންދާއިރު ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓް އެޅުމަށް މިހާރު ވަނީ ބިން ހިއްކާފަ އެވެ. އެ ދެ އެއާޕޯޓްގެ އެހެން މަސައްކަތްތައް ކުރުމަށް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އޭގެއިތުރުން ނ. މާފަރާއި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.