އެއާޕޯޓްތަކަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރާއްޖޭގައި އެންމެ ގިނަ ޑޮމެސްޓިކް އެއާޕޯޓް ހިންގާ ކުންފުނި -- އާރްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ އެމްޕީއެލްގެ އޮފީހުގަ އެވެ.
އެއްބަސްވުމާއި ގުޅޭ ގޮތުން އާރްއޭސީއެލް އިން ބުނީ މި އެއްބަސްވުމުގެ ސަބަބުން އެއާޕޯޓަށް ދިމާވެދާނެ އެމެޖެންސީ ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި އަދި އެއްގަމު މަގުން ބޭނުންކުރަން ޖެހިދާނެ އެކި ކަހަލަ ވަސީލަތްތައް ހޯދުމުގައި އެމްޕީއެލްގެ އެހީތެރިކަން އާރްއޭސީއެލް އަށް ލިބިގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ އެއް ބޭނުމަކީ އެމަޖެންސީ ހާލަތެއްގައިވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ބުރުލެއް ނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުން ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.