ފުވައްމުލައް

ފުވައްމުލަކު އެއާޕޯޓު ތަރައްގީކޮށް އިތުރު އެތައް ހިދުމަތެއް ފަށަނީ

ފުވައްމުލަކު އެއާޕޯޓު ތަރައްގީކޮށް އިތުރު ހިދުމަތްތައް ފެށުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން މަޝްވަރާކޮށްފި އެވެ.

އާރްއޭސީއެލް އިން ބުނީ ފުވައްމުލަކު އެއާޕޯޓުގެ ރަންވޭއަށް ބަދަލުތަކެއް ގެނެސް ރަންވޭ ދިގުކުރުމާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖެޓްތަކަށް ހިދުމަތް ދެވޭ ވަރަށް ރަންވޭ ތަރައްގީކޮށް ޖެޓް ޕާކު ކުރާނެ ޖާގަ އިތުރުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް އާރްއޭސީއެލް އިން ބުނެ އެވެ.

މީގެ އިތުރުން ފުވައްމުލަކު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ފްލައި ސްކޫލަކާއި އިތުރު ވަސީލަތްތައް ގާއިމުކުރުން ހިމެނޭ ކަމަށްވެސް އާރްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އާރްއޭސީއެލް އިން ވަނީ ފުވައްމުލަކު އެއާޕޯޓުގެ ރަންވޭ ދިގުކުރެވެން ހުރި ގޮތްތަކުގެ މައުލޫމާތު ފުވައްމުލަކު ސިޓީ ކައުންސިލާ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އާއި އާރްއޭސީއެލްގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.