ފުވައްމުލައް

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރަނީ

ފުވައްމުލަކުގައި 12 ހެކްޓަރުގެ ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މޭޔަރު އިސްމާއީލް ރަފީގު އެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމަށް ބިން ހަމަޖައްސާފައިވަނީ ފުވައްމުލައް އެއާޕޯޓާ އިންވެގެން އޮންނަ ހުސް ބިން "ބިޅިފޭށި" ސަރަހައްދުންނެވެ.

މޭޔަރު ވިދާޅުވީ ދެ އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން 12 ހެކްޓަރުގެ ބިމުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމާއި، މަޝްރޫއުގެ ޑިޒައިން މަސައްކަތްތައް ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނީ ރީޖަނަލް އެއާޕޯސް ކުންފުނިން ކަމަށެވެ.

އިސްމާއީލް ވިދާޅުވީ އިންވެސްޓަރެއް ލިބި މިއަހަރު މިމަޝްރޫއު ފެށުމަކީ އަމާޒެއް ކަމަށެވެ. މިމަޝްރޫއު ނިމެންވާއިރަށް ފުވައްމުލަކު އެއާޕޯޓް އިތުރަށް ތަރައްގީ ކުރެވި އެ ސިޓީއަށް ފްލައިޓްތައް އިތުރުކޮށް އަދި ފަތުރުވެރިން އިތުރުކުރެވޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި މުޅިން އެކަހެރިކޮށް އޮންނަ 13،000 މީހުން އާބާދީއެއް އޮތް ފުވައްމުލަކު އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް އެ އެއާޕޯޓް ތަރައްގީކުރެވެން އޮތްތޯ ސަރުކާރާއި ސިޓީ ކައުންސިލް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުދުރަތީ ގޮތުން ރާއްޖޭގައި އޮތް އެންމެ ރީތި އެއް ރަށް ކަމަށްވާ ފުވައްމުލަކުގައި 21 ގެސްޓްހައުސް މިވަގުތުވެސް ހިންގަމުންދެ އެވެ.