ފުވައްމުލައް

ނިންމުން ބަދަލުކޮށް ސަފާރީތަކުން ނަގާ ފީ ކުޑަކޮށްފި

ފުވައްމުލަކު ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުރަން ކައުންސިލުން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.

ފުވައްމަލު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުުރުމަށް އެ ސިޓީގެ ކައުންސިލުން މަޝްވަރާކޮށް ގޮތްތަކެއް ނިންމީ ޖަނަވަރީ 12 ވަނަ ދުވަހު އެވެ. އެ ދުވަހު ނިންމީ ސަފާރީތަކުން ދުވާލަކަށް ނަގާ ފީ 500 ޑޮލަރަށް ބޮޑު ކުރުމަށެވެ. ކުރީން ނަގަމުން އައީ ދުވާލަކަށް 50 ޑޮލަރެވެ.

އޭގެ ފަހުން ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސިޓީގެ ބަނދަރަށް ވަންނަ ކޮންމެ ސަފާރީއަކުން ދުވާލަަކަށް 500 ޑޮލަރު ނަގާނެ ކަމަށެވެ.

އެ ނިންމުމަކީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި އަދި ބަނދަރުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ނިންމި ނިންމުމެއް ކަމަށްވެސް ބުންޏެވެ.

ފުވައްމަލު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުުރުމުން ބޯޓިން އެސޯސިއޭޝަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސިއޭޝަނުން ބުނީ ހަމައެކަނި ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ނިންމުން ބަދަލު ކުރުމަށްވެސް ގޮވާލިއެވެ.

ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ނިންމުން މުރާޖައާ ކުރުމަށް ސިޓީ ކައުންސިލްގެ ބައްދަލްވުމެއް މިއަދު ވަނީ ބާއްވާފައެވެ. އަދި ކުރީން ކަނޑައަޅާފައިވާ އަގުތައް ކުޑަކުރުމަށް ކައުންސިލްގެ އަގުލަބިއްޔަތުން މިހާރު ވަނީ ނިންމާފައެވެ. އަލަށް ނިންމި ނިންމުމުގައި ސަފާރީތަކަށް ދެ އަގެއް ކަނޑައަޅާފައިވެއެވެ. އެއީ 100 ފޫޓް ހަމަނުވާ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު ނެގުމަށާއި 100 ފޫޓަށް ވުރެ ބޮޑެތި ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނެގުމަށެވެ.

އަދި ކުރީން ނިންމި ނިންމުން ބާތިލުކޮށް އައު ނިންމުމަށް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަންވެސް ވަނީ ނިންމާފައެވެ.