ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ފިލައިގެން ފުވައްމުލައް ސިޓީއަށް އައިސް ހުއްޓައި ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި އެއީ މާލެ އަތޮޅުގައި ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފުންނެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ،
ރިސޯޓުން ފުރުން މަނާކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެއަށް އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރޭ ފުލައިޓް އިން ފުވައްމުލައް ސިޓީއަށް އައިސްފައިވާ ކަމަށާއި އެ ސިޓީ އިން ހުއްޓުވައި، ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައިވެ އެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންތަކަކާއި ޓޫރިސްޓުންތަކެއްގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.
އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ރިސޯޓުންތަކަށް ރަށްރަށަށް ދިއުން މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފުވާ މީހުނަށް ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.
މީގެ ކުރިން އައްޑޫ ސިޓީގައި ހުރި ރިސޯޓަކުން ފަތާފައި އެ ސިޓީގެ މީދޫއަށް ދިޔަ މީހަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.