ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީން ޓޫރިސްޓަކު ނުފައިބާ، ފޭބީ މުވައްޒަފުންތަކެއް: ކައުންސިލް

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ތިބި އައިލެންޑް ސަފާރީއިން ފުވައްމުލައް ސިޓީއަށް އެއްވެސް ޓޫރިސްޓަކު ފައިބާފައިނުވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ. އައިލެންޑް ސަފާރީ އެންމެ ފަހުން އޮތީ ފުވައްމުލައް ސިޓީ ބޭރުގަ އެވެ.

އެ ސަފާރީގައި ތިބި ދެ މީހެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުން ހާމަކުރީ މިއަދު އެވެ. މިހާރު އެ ދެ މީހުން ލ. އަތޮޅަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ސަފާރީ ވަނީ މޮނީޓަރިން ހާލަތުގަ އެވެ. އެ ސަފާރީއިން ޓޫރިސްޓުން ފުވައްމުލައް ސިޓީއަށް ފޭބި ކަމަށް ބުނެ އަޑުތަކެއް އޮތީ ފެތުރިފަ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

އެހެންވެ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ސަފާރީ ފުވައްމުލަކުގައި މި މަހުގެ 11 ވަނަ ދުވަހު ބަނދަރުކޮށް 12 ވަނަ ދުވަހު ފުރާފައިވާ ކަމަށެވެ. އެ މުއްދަތުގައި ފުވައްމުލަކަށް ފޭބީ އެ ސަފާރީގެ މުވައްޒަފުންތަކެއް ކަމަށާއި ޓޫރިސްޓަކު ނުފައިބާ ކަމަށެވެ. ސަފާރީއިން ފޭބި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތެއްވާނަމަ އެކަން ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގުޅައި އެންގުމަށް ކައުންސިލުން ވަނީ އެދިފަ އެވެ.

އޭގެފަހުން އިއްޔެ އެ ސަފާރީ އަނެއްކާވެސް ފުވައްމުލަކަށް ބަނދަރުކުރި އެވެ. އޭރު ކޮވިޑް-19ގެ އަލާމާތްތައް އެ ދެ މީހުންގެ ފަރާތުން ފެނިގެން އެކަން ވަނީ ރިޕޯޓްކޮށްފަ އެވެ. ފުވައްމުލަކަށް އިއްޔެ ސަފާރީ ބަނދަރުކުރީ ކަރަންޓީނު ކުރުމުގެ ގޮތުންނެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ އިއްޔެ އެ ސަފާރީއަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލްގެ ޓީމް ފިޔަވައި އިތުރު ބަޔަކު އަރާ ފައިބާފައިނުވާ ކަމަށެވެ. ހޮސްޕިޓަލްގެ ޓީމުން ސަފާރީއަށް އެރީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ. އެޗްޕީއޭއިން އިއްޔެ ވަނީ މުހިންމު ހަތަރު ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.