ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުތަކުން މީހުން ފޭބުމުގައި ލުއިތަކެއް ހަމަޖައްސައިިފި

Apr 10, 2020
1

ރިސޯޓުތަކުގައި ތިބި މީހުން އެ ރިސޯޓުތަކުން ފާބން ހުއްދަ ދިނުމުގެ އުސޫލަކަށް ލުއިތަކެއް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އިން ބުނީ ކުރިން އޮތް އުސޫލަކީ ރިސޯޓުތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރރުމަށް ފަހު ދޫކޮށްލުން ކަމަށެވެ. އެކަމަކު މިހާރު ކަރަންޓީނު މުއްދަތު ފުރިހަމަ ވެއްޖެ ކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު އެޗްޕީއޭއަށް ފޮނުވުމުން އެ ރިސޯޓަކުން މީހުން ފާބަން ހުއްދަ ލިބޭނެ ކަމަށެވެ.

އެ ގޮތުން އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ ނުވަތަ އައިތާ 14 ދުވަސް ވެފައި އެ މުއްދަތުގައި އެ ރިސޯޓުގައި ތިބި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް-19 ގެ އާލާމާތްތައް ނުފެންނަ ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން އެ ކަން ކަށަވަރުކޮށް ފޯމު އެޗްޕީއޭއަށް ފޮނުވުމުން ހުއްދަ ދޭނެ ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރިސޯޓެއް މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައި ނުވާނަމަ އާއި، އެ ހާލަތުގައި ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތްތައް ހުރި މީހަކު ވެސް ހުރެގެން ނުވާނެ އެވެ. އެ ކަން ކަށަވަރުކޮށް ފޯމު ފޮނުވުމުން އެ ރިސޯޓަކުން ވެސް މީހުން ފާބަން ހުއްދެ ދެވޭނެ އެވެ.

ރިސޯޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވާނަމަ، އެ ހާލަތުގައި އެންމެ ފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސް ވެފައި، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ވެސް ފުރިހަމަ ވެއްޖެ ކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކުރަން ޖެހެ އެވެ. އަދި އެ ކަން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު ފޮނުވަން ޖެހޭނެ އެވެ.

މީގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވް މީހަކު ފެނި އޭނާގެ ފަރާތުން އެހެން މީހަކު ޕޮޒިޓިވް ވެފައިވާ ހާލަތެއްގައި ރިސޯޓަކުން ފާބަން ހުއްދަ ދޭނީ އެންމެ ފަހުން ވައިރަސްއަށް ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ވެފައިވާނަމަ އެވެ. އެ މުއްދަތުގައި ބަލީގެ އަލާމާތްތައް ހުރި މީހަކު ފެނިފައިވާނަމަ އެ މީހަކު ފެނުނުތާ 14 ދުވަސް ވެސް ވާން ޖެހެ އެވެ.

އެފަދަ ހާލަތެއްގައި ރިސޯޓުގައި ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް އެ ރިސޯޓުގައި ޕޮޒިޓިވްވި މީހަކު ފެނިފައި ނެތް ކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ރާއްޖޭގެ ރިސޯޓުތަކުން ފެނުމާ ގުޅިގެން މިދިޔަ މަހުގެ 14 ދުވަހު ވަނީ ރިސޯޓުތަކުން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް އެރުން ވެސް މަނާ ކޮށްފަ އެވެ. އޭރު މަނާ ކުރި މުއްދަތު މިހާރު ހަމަވުމުން، ރިސޯޓުތަކުން ފޭބުމުގައި އެޗްޕީއޭއިން ލުއިތަކެއް ހަމަޖައްސައިދިނީ އެވެ. އެއީ ރާއްޖެއަށް މިހާރު ޓޫރިސްޓުން ވެސް އައުން މަނާކޮށްފައިވާތީއާ އެކުގަ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހުނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 13 މީހެކެވެ. އެއީ ބިދޭސީންނާއި ޓޫރިސްޓުންނެވެ. އެ ބައްޔަށް މި ވަގުތު ރާއްޖޭގައި ފަރުވާ ދެމުން ދަނީ ބޭރުން އައި ހަތަރު ދިވެއްސަކަށެވެ. ރާއްޖޭގައި ތިއްބައި ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓަކު މި ވަގުތު ތިބީ ރާއްޖޭން ބޭރުގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.