ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރީތި ބީޗް އަލުން ލޮކްޑައުން، ދެ މީހުން ޓެސްޓް ކުރަނީ

Mar 24, 2020

ރީތި ބީޗް ރިސޯޓްގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު ދިވެއްސެއް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ރިސޯޓް މިހާރު ވަނީ މޮނީޓާ ކުރުމަށް ލޮކްޑައުން ކޮށްފަ އެވެ.

މީގެ ކުރިން ވެސް އެ ރިސޯޓްގެ ބިދޭސީއެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ލޮކްޑައުން ކުރި އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވުމުން ރިސޯޓްގެ ލޮކްޑައުން ދޫކޮށްލި އެވެ.

ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ރިސޯޓްގެ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި، ޓެސްޓް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.

މިހާރު ލޮކްޑައުންގައި އޮތީ ރީތި ބީޗް ރިސޯޓް އެކަންޏެވެ. އެހެން ލޮކްޑައުންކުރި ރިސޯޓްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ ލޮކްޑައުންއިން އެތަންތަން ވަނީ ނަގާފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.