މި މަހުގެ 17 ވަނަ ދުވަހު ރާއްޖެއަށް ލިބޭ އާ މެޝިނާއެކު ދުވާލަކު ޓެސްޓް ހެދޭ މިންވަރު 600 އަށް އިތުރު ކުރެވޭނެ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
އަންނަ ދެ ހަފުތާގައި މާލޭގައި ކޮވިޑްގެ ހާލަތު ގޯސް ވާނެ ކަމަށް ލަފާ ކޮށްފައިވާއިރު މިވަގުތު ރާއްޖޭގައި ޓެސްޓް ކުރެވޭ ހުރީ ދެ މެޝިނެވެ. އެއީ އައިޖީއެމްއެޗްގައި ހުރި މެޝިނަކާއި ފުލުހުންގެ ލެބްގައި ހުރި މެޝިނެކެވެ. އެ ދެ މެޝިނުން މިހާރު ކޮވިޑަށް ޓެސްޓް ކުރަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކުރެވެނީ 300 އާއި 400 އާ ދެމެދުގެ ޓެސްޓެވެ.
ޓެސްޓިން ކެޕޭސިޓީ އިތުރު ކުރަން ކުރި މަސައްކަތުން މި މަހުގެ 17 ވަނަ ދުވަހު އާ މެޝިނެއް ލިބޭނެ ކަމަށް ސަރުކާރުން އިޝާރާތް ކޮށްފައި ވަނިކޮށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން އަވަސްއިން ސުވާލު ކުރުމުން މަބުރޫކު ވިދާޅުވީ އާ މެޝިނާއެކު ދުވާލެއްގެ މައްޗަށް 600 އާއި 650 އާ ދެމެދު އަދަދެއްގެ ޓެސްޓް ހެދޭނެ ކަމަށެވެ.
މަބުރޫކު ވިދާޅުވީ އެ މެޝިނުގެ އިތުރުން، އެސްޓީއޯއިން ވެސް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި އެ މަސައްކަތް އެސްޓީއޯއާ ހަވާލު ކުރީ މިދިޔަ މަހުގެ 26 ގައި ކަމަށެވެ. މީގެ އިތުރުން މިހާރު ކޮވިޑަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ކޮވިޑަށް ޓެސްޓް ކުރެވޭ މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދެ އެވެ.
މަބުރޫކު ވިދާޅުވި ގޮތުގައި ރަށްރަށުގައި ޖީން އެކްސްޕާޓް މެޝިންތައް ބެހެއްޓުމުގެ އިތުރުން އެހެން މެޝިންތަކެއް ބެހެއްޓޭތޯ ވެސް މަސައްކަތް ކުރަމުން ދެ އެވެ. އެ މެޝިންތަކަކީ ގިނަ ލެބް ޓެކްނީޝަނުންންނާ ނުލައި އޮޕަރޭޓް ކުރެވޭ ފަދަ މެޝިންތަކެކެވެ.
އަންނަ ދެ ހަފުތާ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު ޕީކަށް ދާނެ ކަމަށް ލަފާ ކުރެވޭއިރު ޓެސްޓް ކުރެވޭ މިންވަރު މަދު ކަމާއި އެއީ އޮތް ކަންބޮޑުވުމެއް ކަމަށް ކޮވިޑާ ގުޅިގެން ސަރުކާރަށް ލަފާ ދެއްވާ ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.