ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީން މީހުނަށް ތަކެތި ފޮނުވަން އާ ފުރުސަތެއް

Apr 25, 2020
1

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުނަށް ތަކެތި ފޮނުވުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަލުން ހުޅުވާލާނެކަމަށް ސަރުކާރުން އިއުލާނުކޮށްފި އެވެ.

ކަރަންޓީނުގައި ތިބި މީހުނަށް ބޭނުންވާ ޒަރޫރީތަކެތި ފޮނުވުމުގެ އިންތިޒާމުތައް ވަގުތީ ގޮތުން ހުއްޓާލީ، މި މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމާ ގުޅިގެންނެވެ.

ނެޝަނަލް އެމެޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ ކަރަންޓީނުގައި ތިބި މީހުނަށް ތަކެތި ފޮނުވުމުގެ ފުރުސަތު އެ މީހުންގެ އާއިލާތަކަށް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށެވެ.

އެގޮތުން، ކަލާފާނު ސްކޫލްގައި އެކަމަށް ހާއްސަ މޭޒެއް ގާއިމުކުރެވިފައިވާ ކަމަށާއި، ކަރަންޓީނުގައި ތިބި މީހުނަށް ފޮނުވަން ބޭނުންވާ ތަކެތި އެތަނުން ބަލައިގަންނާނެކަމަށް މަބުރޫކު ވިދާޅުވި އެވެ. އަދި އާއިލާތަކަށް ތަކެތި ހަވާލުކުރެވޭނީ ކޮންމެ ހޮނިހިރު އަދި ބުދަ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 3:00 އަށް ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

މަބުރޫކު މިރޭ ވިދާޅުވި ގޮތުގައި، މި ވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 125 މީހުން ތިބިއިރު، ކަރަންޓީނު ފެސިލިޓީތަކުގައި އިތުރު 1،329 މީހުން ތިބި ކަމަށެވެ.

ކޮވިޑް ޖެހިފައިވާ މިއަދުގެ ކޭސްތަކާއެކު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 128 އަށް އަރައިފަ އެވެ.

މިއަދު ފުރަތަމަ ފެނިފައިވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެއްގެ އިތުރުން އިންޑިއާ މީހަކާއި ސްރީލަންކާގެ ކުޑަ އަންހެން ކުއްޖެކެވެ. މީގެ ތެރޭގައި އުމުރުން 60 އަހަރުން މަތީގެ ދިވެއްސެއް ވެސް ހިމެނެ އެވެ. އެހެން ކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ދިވެހިންގެ ތެރޭގައި އުމުރުން ދުވަސްވީ ދެ މީހަކު ހިމެނެ އެވެ.

ފަހުން ޕޮޒިޓިވްވީ 12 މީހުންގެ ތެރޭގައި އުމުރުން 12 އަހަރުގެ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މަންމައާ ބައްޕަ ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިރޭ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން އާ ކްލަސްޓާއެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އަދި ދެން ފެނުނު ކޭސްތަކަކީ ކުރީގެ ކޭސްތަކާ ގުޅުންހުރި ކޭސްތަކެއް ކަމަށް ވިދާޅުވި އެެވެ.

މި މަހުގެ 15 ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނިފައިވާއިރު، މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައި ވެސް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް ވަނީ މުއްދަތެއްނެތް ގޮތަށް މަނާ ކޮށްފަ އެވެ.