ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަތަލާ އަދި އަނަންތަރާ ދިގުން ޝައްކުވި މީހުން ވެސް ނެގެޓިވް

Mar 23, 2020

ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުންނާއި އަނަންތާރާ ދިގު ރިސޯޓުން ފަހުން ޓެސްޓްކުރި މީހުންގެ ނަތީޖާތައް ނެގެޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. އެހެންވެ، އެ ދެ ރިސޯޓު ވެސް މިހާރު ވަނީ މޮނީޓަރިން ހާލަތުން ނަގާފަ އެވެ.

މީގެކުރިން ބަތަލާ ރިސޯޓްގެ ދެ ބިދޭސީ ޓޫރިސްޓެއްގެ ފަރާތުން ކޮވިޑް-19 ބަލި ފެނުނެވެ. އެ ދެ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އެ ދެ މީހުން ވެސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.

ބަތަލާ ރިސޯޓް، މީގެކުރިން އެ ދެ މީހުންގެ ނަތީޖާ ޕޮޒިޓިވްވުމުން ލޮކްޑައުންކުރި އެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ނިންމައި، ބަޔަކު އެކަހެރިކުރުމަށްފަހު ރިސޯޓް ހުޅުވާލި އެވެ.

ހަމައެހެން، މީގެކުރިން އަނަންތާރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެ އެވެ. އެ ދެ މީހުން ކަރަންޓީނުކޮށްފައިވާއިރު އެމީހުންނާ ކޮންޓެކްޓްވި މީހުން ވެސް ރިސޯޓްގައި އެކަހެރިކުރި އެވެ. އެމީހުން އެކަހެރިކުރުމަށްފަހު ރިސޯޓް ލޮކްޑައުންއިން އޭރު ނެގި އެވެ. މިއަދު ނަތީޖާ ނެގެޓިވްވެފައިވަނީ އަލާމާތްތައް ފެނުނު އެ ރިސޯޓުގެ ތިން މީހެއްގެ ނަތީޖާ އެވެ.

ބަތަލާ އާއި އަނަންތާރާ ދިގުގެ އިތުރުން ކޮލަބް މެޑް ކަނިފޮނިޅުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރެގެން ޓެސްޓްކުރި މީހާގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ. އެހެންވެ އެ ރިސޯޓު ވެސް ވަނީ މޮނީޓަރިން ހާލަތުން ނަގާފަ އެވެ.

ދެން މިއަދު ނެގެޓިވް ނަތީޖާއެއް ލިބިފައިވަނީ ސިނަމަން ހަކުރާ ހުރާއިން ޓެސްޓްކުރި މީހާގެ ނަތީޖާ އެވެ. އެމީހާގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އެކަހެރިކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ހިމެނެ އެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.