މިހާތަނަށް 10 ރިސޯޓަކުންނާއި 55 ސަފާރީއަކުން މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފޭބުމުގެ ހުއްދަ އެދި އެ އެޖެންސީއަށް ފޮނުވަން ޖެހޭ ފޯމު ފޮނުވައިގެން މިހާތަނަށް 10 ރިސޯޓަކާއި 55 ސަފާރީއަކަށް މީހުން ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ވެސް ގިނަ އަދަަދެއްގެ ރިސޯޓުތަކުން ފޯމު ލިބެމުންދާ ކަމަށާއި ފޯމުތައް ބެލުމަށް ފަހު ހުއްދަ ދޫކުރެވެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ވެސް އައިސްފައިވާ ފޯމުތަކަށާއި މެއިލްތަކަށް ވެސް ޖަވާބު ދީފައިވާ ކަމަށް އެ ކަމުގައި ހަރަކާތްތެރިވާ ޓީމުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އޮތް އުސޫލަކީ ރިސޯޓުތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރުމަށް ފަހު ދޫކޮށްލެމެވެ. ނަމަވެސް މިހާރު ކަރަންޓީނު މުއްދަތު ފުރިހަމަ ވެއްޖެ ކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު އެޗްޕީއޭއަށް ފޮނުވުމުން އެ ރިސޯޓަކުން މީހުން ފާބަން ހުއްދަ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެ ގޮތުން އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ ނުވަތަ އައިތާ 14 ދުވަސް ވެފައި އެ މުއްދަތުގައި އެ ރިސޯޓުގައި ތިބި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް-19 ގެ އާލާމާތްތައް ނުފެންނަ ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން އެ ކަން ކަށަވަރުކޮށް ފޯމު އެޗްޕީއޭއަށް ފޮނުވުމުން ހުއްދަ ދެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރިސޯޓެއް މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައި ނުވާނަމަ އާއި، އެ ހާލަތުގައި ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތްތައް ހުރި މީހަކު ވެސް ހުރެގެން ނުވާނެ އެވެ. އެ ކަން ކަށަވަރުކޮށް ފޯމު ފޮނުވުމުން އެ ރިސޯޓަކުން ވެސް މީހުން ފާބަން ހުއްދެ ދެވޭނެ އެވެ.
ރިސޯޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވާނަމަ، އެ ހާލަތުގައި އެންމެ ފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސް ވެފައި، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ވެސް ފުރިހަމަ ވެއްޖެ ކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކުރަން ޖެހެ އެވެ. އަދި އެ ކަން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު ފޮނުވަން ޖެހޭނެ އެވެ.
މީގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވް މީހަކު ފެނި އޭނާގެ ފަރާތުން އެހެން މީހަކު ޕޮޒިޓިވް ވެފައިވާ ހާލަތެއްގައި ރިސޯޓަކުން ފާބަން ހުއްދަ ދޭނީ އެންމެ ފަހުން ވައިރަސްއަށް ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ވެފައިވާނަމަ އެވެ. އެ މުއްދަތުގައި ބަލީގެ އަލާމާތްތައް ހުރި މީހަކު ފެނިފައިވާނަމަ އެ މީހަކު ފެނުނުތާ ވެސް 14 ދުވަސް ވާން ޖެހެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހުނެވެ. އޭގެ ތެރެއިން ބަލިން ރަނގަޅުވީ 13 މީހެކެވެ. އެއީ ބިދޭސީންނާއި ޓޫރިސްޓުންނެވެ. އެ ބައްޔަށް މި ވަގުތު ރާއްޖޭގައި ފަރުވާ ދެމުން ދަނީ ބޭރުން އައި ހަތަރު ދިވެއްސަކަށެވެ. ރާއްޖޭގައި ތިއްބައި ބައްޔަށް ޕޮޒިޓިވްވި ދެ ޓޫރިސްޓަކު މި ވަގުތު ތިބީ ރާއްޖޭން ބޭރުގަ އެވެ.