ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޯޑަރު ބަންދުކުރާ ވާހަކައަކީ ދޮގެއް: މަބުރޫކު

ރާއްޖޭގެ މައި އެއާޕޯޓް އެއްކޮށް ބަންދުކުރުމުގެ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާ ކަމަށް ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަބުރޫކު މިރޭ މިހެން ވިދާޅުވީ ބޯޑަރު ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނާ ލަފާ ދެއްވާފައިވަނިކޮށެވެ. އެ ލަފާގެ މަތިން ސަރުކާރުން ބޯޑަރު ބަންދު ކުރުމަށް ވިސްނަމުންދާ ކަމަށް ވެސް މީޑިއާގައި ރިޕޯޓްކުރި އެވެ.

އެހެންނަމަވެސް އެކަން މިރޭ މަބުރޫކު ދޮގު ކުރެއްވި އެވެ. މަބުރޫކު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ އެއްވެސް ނިންމުމެއް ސަރުކާރުގެ ނެތް ކަމަށެވެ. ރާއްޖެއިން ބޭރުގައި އެތައް ބައިވަރު ދިވެހިންނެއް ގައުމަށް އަންނަން ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި ސަރުކާރުން ނިންމާފައިނުވާ ނިންމުމެއް ޔަގީން ކުރުމެއް ނެތި މީޑިއާތަކުން ރިޕޯޓް ކުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.

"ރާއްޖޭގެ ބޯޑަރުތައް ބަންދުކުރާ ވާހަކައަކީ ހަމަ ކަނޑައެޅިގެން ދޮގެއް، އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ހާލަތު މި ދަނީ ބަލަމުން، އަދި އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިދަނީ އެޅުނު އެންމެ ރަނގަޅަކަށް އަޅަމުން، މިކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ނެތް،" މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު އަންނަ ފްލައިޓްތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އެކި ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ ވެސް ގުޅިގެން ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް މަދެވެ. ރާއްޖެއިން ވެސް ވަނީ ޔޫރަޕްގެ ސްޕެއިން، އިޓަލީ، ޖާމަނީ އަދި ފްރާންސްއިން މީހުން އެތެރެވުން މަނާކޮށްފަ އެވެ. އަދި ޗައިނާއިން ވެސް މީހުން އައުން މަނާކޮށްފައިވެ އެވެ. އެއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކެވެ.

އިއްޔެ ރާއްޖެއަށް އެކި ގައުމުތަކުން ރާއްޖެއަށް ޖުމްލަ އެތެރެވެފައިވަނީ 187 މީހެކެވެ. އޭގެ ތެރެއިން 133 މީހަކީ ޓޫރިސްޓުންނެވެ.

ބޯޑަރު ބަންދު ކުރުމަށް މިފަހުން ގިނަ ބަޔަކު ގޮވާލި އެވެ. އެގޮތަށް ގޮވާލީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވާތީ އެވެ. އޭނާއާ ކޮންޓެކްޓްވި މީހުން މާލޭގައި ވެސް ތިއްބެވެ. ނަމަވެސް އެމީހުންގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ. އޭނާ ޗުއްޓީ ހޭދަކުރި ރީތިރަށް ރިސޯޓްގައި ވެސް ބަޔަކު އެކަހެރިކޮށްފައިވެ އެވެ.