ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަކުރާހުރާ ކޭސް: އެއާޕޯޓް މުވައްޒަފުން ދޫކޮށްލަނީ

ކޮވިޑް-19އަށް ޝައްކުކުރެވިގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން އެކަހެރިކޮށްފައިވާ ބިދޭސީ މީހާގެ ނަތީޖާ ނެގެޓިވްވެފައިވާތީ އޭނާއާ ކޮންޓެކްޓްވެގެން އެކަހެރިކުރި އެއާޕޯޓްގެ މުވައްޒަފުން އައިސޮލޭޝަނުން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި ޝައްކުވާ އަލާމާތްތަކެއް ހުރި މީހާ އެ ރިސޯޓަށް ދިޔައިރު ވެސް ރޯގާގެ އަސަރު ހުއްޓެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން އޭނާ ރާއްޖެ އެތެރެވިއިރު އެއާޕޯޓް ޑިއުޓީގައި ތިބި ހުރިހާ މުވައްޒަފުން އެކަހެރިކޮށް ވަޒީފާއަށް ނުނިކުތުމަށް އެންގީ ކަމަށެވެ.

އެ އެންމެން އެކަހެރިކުރީ ސީދާ އެމީހާ ކޮންޓެކްޓްވި މުވައްޒަފުން ހޯދުމަށް ގިނަ ވަގުތުތަކެއް ނަގައިދާނެތީ ކަމަށް މަބުރޫކު ވިދާޅުވި އެވެ. އެގޮތުން އެކަހެރިކުރީ އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފެކެވެ.

މަބުރޫކު ވިދާޅުވީ ޝައްކުވި މީހާގެ ނަތީޖާ ނެގެޓިވްވެފައިވާތީ، އެ މުވައްޒަފުންގެ ތެރެއިން މިހާރަށް ދޫކޮށްލެވޭ މީހުން އަލުން ވަޒީފާއަށް ނުކުތުމަށް އަންގަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.