ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ހައްޔަރުކޮށްފި

ސަފާރީއެއްގައި އެކަހެރިވެ ހުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވަނިކޮށް ސަފާރީން ފާބައިގެން ހުޅުމާލެއަށް އެރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީއަކުން ފާބައިގެން ހުޅުމާލެއަށް އެރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 32 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. އިއްޔެ ހައްޔަރު ކުރި އެ މީހާގެ މައްޗަށް ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ވެސް ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް އާންމުންނަށް އެންގުމުގެ ބާރު ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ދީފަ އެވެ.

އެ ގޮތުން އެ ބާރުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިން ވަނީ ރިސޯޓުތަކުން މީހުން ރަށްރަށަށް ފޭބުން ވެސް މަނާ ކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރި ބައެއް މީހުން މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މީހުނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް 13 މީހަކު ފެނިފަ އެވެ. އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރެކެވެ.