ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

ސަލާމަތީ ބާރުތަކުގެ ކަރަންޓީނަކީ އެޗްޕީއޭއަށް އޮތް ކަމެއް ނޫން: ނަޝީދު

ސަލާމަތީ ބާރުތައް ކަމުގައިވާ ފުލުހުންނާއި އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ކަރަންޓީނުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެ ދެ މުއައްސަސާއިން ބޭނުންވާ ގޮތަކަށް ކަމަށާއި އެޗްޕީއޭއިން އެ ކަމުގައި ފެންނަ ގޮތަކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށް ވާތީ ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ފުލުހުންނާއި ސިފައިންގެ ކަންކަން ދިރާސާކޮށް ހުށަހެޅުންތަކަކާއެކު އެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވެ އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ކަރަންޓީނުގެ ކަންކަމަކީ ޕަބްލިކް ހެލްތު ނުވަތަ އެޗްޕީއޭއިން ކުރަން ކަންކަން ނޫން ކަމަށެވެ. އެއީ ފުލުހުންނާއި އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ދެ މުއައްސަސާއިން ބޭނުންވާ ގޮތަކަށް ހަމަޖެހިފައި އޮންނަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމީ ސަލާމަތަށް އަޅުގަނޑުމެން ވިސްނާން ޖެހޭ. އެމްއެންޑީއެފްއާއި ފުލުހުންނާއި، މި ދެބައި މީހުންގެ ކަންކަން ގެންދާން ޖެހޭނީ މި ދެ ބައި މީހުނަށް ފެންނަ ގޮތަކަށް. އެހެން ބަޔަކަށް [ނޫނީ އެޗްޕީއޭއަށް] ފެންނަ ގޮތަކަށް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީ ރިޕޯޓު އެކުލަވާލި ފަހުން ވެސް ގިނަ ޖިނާއީ މައްސަލަތަކެއް އައިސްފައިވާ ކަމަށެވެ. އެޗްޕީއޭގެ ވެބްސައިޓާއި ޓޫރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާ ކަން ފާހަގަ ކުރެއްވި އެވެ. އެ ދެ ކަންތައް ވެގެން ދިޔަ ގޮތް ފުލުހުންނަށް މިހާތަނަށް ސާފުކޮށްދެވިފައިވާ ނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ޓޫރިސްޓުންތަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހައްޔަރުގައި ނެތި ދޫކުރެވިފައިވާތީ އެކަމާ ވެސް ރައީސް ނަޝީދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި ގަސްދުގައި ތަންތަނުގައި ރޯކޮށް އަލިފާނުގެ ހާދިސާތައް ހިނގާފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 ގެ ރޯގާ ކޮންޓްރޯލް ކުރުމަށް ޓަކައި އަދި ކަރަންޓީނުގެ ކަންކަން ސަރުކާރުންނާއި ކަމާ ބެހޭ އިދާރާތަކުން ހަމަޖައްސާފައިވާ އުސޫލުތަކަށް ރައީސް ނަޝީދު ފަހަކަށް އައިސް އަންނަނީ ވަރަށް ފާޑުވިދާޅުވަމުންނެވެ.

އެންމެ ބޮޑަށް ނުރުހުން ފާޅުކުރައްވާފައި ވަނީ މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން އަނބުރާ ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ލަސްވަމުން ދިޔުމާ ގުޅިގެންނެވެ. އިއްޔެގެ ޖަލްސާގައި ވަނީ އެމަނިކުފާނަށް ކެތް ކުރެވޭނީ ވެސް ވަކި މިންވަރަކަށް ކަމަށް ވިދާޅުވެފަ އެވެ.