ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރިސޯޓުން ފިލައިގެން ދިޔަ ދެ މީހުންގެ ބަންދަށް 15 ދުވަސް

ކ. އަތޮޅުގައި ހިމެނޭ ރިސޯޓަކުން ފިލައިގެން ފުވައްމުލައް ސިޓީއަށް ދިޔަ ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

ރިސޯޓުން ފުރުން މަނާކޮށްފައި ވަނިކޮށް މި ދެ މީހުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެއަށް އައިސްފަ އެވެ. އަދި ރޭ ފުލައިޓެއްގައި މާލޭން ފުވައްމުލައް ސިޓީއަށް ވަނީ އައިސްފަ އެވެ. ފުލުހުން އެ ދެ މީހުން ހައްޔަރު ކުރީ ފުވައްމުލައް ސިޓީންނެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިއަދު ކޯޓަށް ގެންދިއުމުން، ފުވައްމުލައް ސިޓީ މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތުގެ ގޮތުގައި 15 ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުންނަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ދިވެހި މުވައްޒަފެކެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑް-19 ބައްޔަށް ޕޮޒިޓިވް 13 މީހަކު ހަތަރު ރިސޯޓަކުންނާއި ސަފާރީއަކުން ފެނުމުން، ރިސޯޓުތަކުން ރަށްރަށުން ފޭބުުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމާ ހިލާފަށް އަމަލު ކުރާ މީހުނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

މީގެ ކުރިން އައްޑޫ ސިޓީގެ ރިސޯޓަކުން ފަތާފައި އެ ސިޓީގެ މީދޫއަށް ދިޔަ މީހަކު ވެސް މީދޫގައި ހުއްޓައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

މިހާތަނަށް ރައްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި ބިދޭސީއެކެވެ.