ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހޮނޑާފުށިން ހަނިމާދޫއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ ތަކެތި ނަގަން އެ ރިސޯޓަށް އެރުމަށް ފަހު ހދ. ހަނިމާދޫއަށް ދިއުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހޮނޑާފުށި ރިސޯޓުގެ މުވައްޒަކު ހަނިމާދޫގައި ހުރެފައި ރޭގެ ވަގުތެއްގައި އެ ރިސޯޓަށް އަރާފައިވާ ކަމަށެވެ. އަދި ރިސޯޓުގައި ހުރި އޭނާގެ ތަކެތި ހިފައިގެން އަނބުރާ ހަނިމާދޫއަށް ދިޔަ ކަމަށެވެ. އެ ކަން ކުރީ ރިސޯޓުގެ މެނޭޖްމަންޓްގެ ހުއްދަ ވެސް ނެތި ކަމަށެވެ. އެހެންވެ އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ހަނިމަދޫ ހުއްޓާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާއަކީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނުމާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރިސޯޓުތަކުން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް ދިއުން މަނާކޮށްފަ އެވެ.

އެޗްޕީއޭގެ އެ އެންގުމާ ހިލާފުވާ މީހުންނަށް ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.