ފުވައްމުލައް

ސަފާރީތަކުން ނަގާނީ ދުވާލަކަށް 500 ޑޮލަރު: ކައުންސިލް

ފުވައްމުލަކު ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ކުޑަކުރަން ނިންމި ނިންމުމަށް އަމަލު ކުރަން ފަސްކޮށް މިއަދުން ފެށިގެން ސަފާރީއަކުން ދުވާލަކަށް 500 ޑޮލަރު ނަގަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ފުވައްމަލު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުުރުމަށް އެ ސިޓީގެ ކައުންސިލުން މަޝްވަރާކޮށް ގޮތްތަކެއް ނިންމީ ޖަނަވަރީ 12 ވަނަ ދުވަހު އެވެ. އެ ދުވަހު ނިންމީ ސަފާރީތަކުން ދުވާލަކަށް ނަގާ ފީ 500 ޑޮލަރަށް ބޮޑު ކުރުމަށެވެ. ކުރީން ނަގަމުން އައީ ދުވާލަކަށް 50 ޑޮލަރެވެ.

ނަމަވެސް އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފައެވެ. ފުވައްމަލު ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކުުރުމުން ބޯޓިން އެސޯސިއޭޝަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސިއޭޝަނުން ބުނީ ހަމައެކަނި ސަފާރީތަކުން ނަގާ ފީ ބޮޑު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެ ނިންމުން ބަދަލު ކުރުމަށްވެސް ގޮވާލިއެވެ.

ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ނިންމުން މުރާޖައާ ކުރުމަށް ސިޓީ ކައުންސިލްގެ ބައްދަލްވުމެއް ބޭއްވިއެވެ. އަދި ކުރީން ކަނޑައަޅާފައިވާ އަގުތައް ކުޑަކުރުމަށް ކައުންސިލްގެ އަގުލަބިއްޔަތުން ނިންމި އެވެ. އެ ފަހަރު ނިންމި ނިންމުމުގައި ސަފާރީތަކަށް ދެ އަގެއް ކަނޑައެޅި އެވެ. އެއީ 100 ފޫޓް ހަމަނުވާ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު ނެގުމަށާއި 100 ފޫޓަށް ވުރެ ބޮޑެތި ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނެގުމަށެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ފަހުން ކަނޑައެޅި އަގަށް އަމަލުކުރުން ފަސްކޮށް ކުރިން ނިންމި ގޮތަށް ދުވާލަކަށް 500 ޑޮލަރު ނަގަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުން ނިންމި ސަބަބެއް ބުނެފައެއް ނުވެއެވެ.