ޗައިނާ

ޗައިނާ ސަރުކާރަށް ބޮޑު ބަދަލެއް ގެނެސް މިނިސްޓްރީތައް މަދުކުރަނީ

ޗައިނާގައި އެކަކަށް ދެ ދައުރަށް ވުރެ އިތުރަށް ވެރިކަން ނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލުމަށް ފަހު ސަރުކާރުގެ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހުން ބުނީ ޗައިނާގެ އަށް މިނިސްޓްރީއެއް އުވާލައި މިނިސްޓްރީތަކުގެ އަދަދު 26 އަށް ތިރި ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ މިނިސްޓްރީތަކުގެ އިތުރުން ދައުލަތުގެ ހަތް އެޖެންސީއެއް ވެސް އުވާލަން ނިންމާފައިވާ ކަމަށެވެ. ސަރުކާރުގެ އެ ނިންމުންތަކަށް އަމަލުކުރަން ފެށޭނީ އެގައުމުގެ ޕާލަމެންޓުން ރުހުން ދިނުމުންނެވެ. އެ ނިންމުމާ މެދު މިހަފުތާގައި ޕާލަމެންޓުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަަމަށް ނޫހުން ބުންޏެވެ.

ރާވާފައިވާ ގޮތަށް ބަދަލު ގެންނަން ޗައިނާ ޕާލަމެންޓުން ރުހުން ދީފި ނަމަ މިއީ ޗައިނާގެ މި ޒަމާނުގެ ތާރީހުގައި އެގައުމުގެ މައި ސަރުކާރަށް ގެންނަ އެންމެ ބޮޑު ބަދަލަށް ވާނެއެވެ. މީގެ ކުރިން މިފަދަ ބަދަލެއް ގެނެސްފައި ވަނީ 1998 ވަނަ އަހަރު އޭރު ހުންނެވި ބޮޑުވަޒީރު ޒޫރޮންޖީ އެވެ. އޭނާ ގެންނެވި ބަދަލަކީ ބައެއް މިނިސްޓްރީތައް އެހެން މިނިސްޓްރީތަކާ އެއްކޮށްލެއްވުމެވެ. އެގޮތުން 15 މިނިސްޓްރީއެއް އެހެން މިނިސްޓްރީތަކާ އެއްކޮށްލެއްވި އެވެ.

ޖެހިޖެހިގެން ދެ ދައުރަށް ވެރިކަން ކުރެވޭ ގޮތަށް ޗައިނާގައި އޮންނަ އޮތުން އުވާލައި މިހާރުގެ ރައީސް، ޝީ ޖިންޕިންގެ އުމުރަށް ވެރިކަން އޭނާއަށް ވެރިކަން ކުރެއްވޭ ގޮތަށް ޗާނައިނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިދިއަ އާދީއްތަ ދުވަހުއެވެ. ތާރީހީ އެ ވޯޓުގައި 2964 މެމްބަރުން ބައިވެރިވި އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ދެ ޑެލިގޭޓެވެ. ތިން ޑެލިގޭޓުން ވަކި ގޮތެއް ނުނިންމަވާ ތިއްބެވި އެވެ.