މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް އަމްޖަދު އައްޔަންކޮށް، ނައިބު ރައީސަކަށް ސޮފްވާން

Mar 15, 2018

ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވި މެންބަރުގެ މަގާމަށް ޗެނަލް 13ގެ ނިއުސް ހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދު އައްޔަންކުރައްވައިފި އެވެ.

ކުރިން ދިޓީވީގައި ވެސް މަސައްކަތް ކުރެއްވި އަމްޖަދު މިއަދު ކޮމިޝަނުގެ މެންބަރަކަށް އައްޔަންކޮށްފައިވަނީ އޭނާއަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވާތީ އެވެ. އިއްޔެ ހަވީރު ބޭއްވި އެ ޖަލްސާއަށް އިދިކޮޅު އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވަ އެވެ.

އަމްޖަދު އައްޔަންކޮށްފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ދައުރު ހަމަވުމުންނެވެ. އެ މަގާމަށް އަސްލަމް ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އިސްކަން ދެއްވި ތަރުތީބުން އޭނާއަށް ލިބުނީ ތިންވަނަ އެވެ. އަމްޖަދަކީ ރައީސް އެންމެ އިސްކަން ދެއްވި ނަމެވެ.

މިއަދު ބްރޯޑްކާސްޓިން ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވިއިރު ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އިސްމާއީލް ސަފްވާން ވަނީ އިންތިހާބުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. ކޮމިޝަނުގެ ރައީސްއަކީ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ޝަހީބެވެ. އަމްޖަދާއި ސަފްވާންގެ އިތުރުން ދެން އެ ކޮމިޝަނުގައި ތިއްބަވަނީ ފާތިމަތު ޒައިނާ އާއި ޒީނާ ޒާހިރާއި އައިމިނަތު ސަރާހަތާއި ހަސަން ނަބާހެވެ.