ރާއްޖޭގެ ސިއްހީ ދާއިރާއަށް އާ ކަންކަން ތައާރަފްކުރުމުގައި އޭޑީކޭއަކީ ނަމޫނާ އެކެވެ. މަޑު ދުވެއްޔެއްގައި ތަރައްގީވަމުން އައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އަބަދުވެސް މޮޅު ފަރުވާއާ ހިދުމަތްތައް ތައާރަފްކުރުމުގެ އެއްވަނަ ބައިވެރިޔާގެ ގޮތު އޭޑީކޭ ތާރީހުގެ ތެރެއަށް ވަން ގޮތަށް އަދިވެސް އެގޮތުގައި ކުރިއަށް ދަނީ އެވެ. ރެއަކީވެސް އެފަދަ ހާއްސަ ރެއެކެވެ. ހިތުގެ ބަލިތަކަށް ދުނިޔޭގެ ފެންވަރުގެ ފުޅާ ހިދުމަތްތަކެއް ދިނުމަށް އެ ހޮސްޕިޓަލުން ވަނީ ކެތު ލެބެއް ހިމެނޭ ގޮތަށް ތިން އޮޕަރޭޝަން ތިއޭޓަރާއެކު ތިއޭޓާ ކޮމްޕްލެކްސް އެއް ހުޅުވާފަ އެވެ.
އޭޑީކޭގެ 31 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުވި ތިއޭޓާ ކޮމްޕްލެކްސް އަށް ދީފައިވާ ނަމަކީ "ހަސަން އިބްރާހިމް ޓިއާ އޮފް އެކްސެލެންސް އިން ކާޑިއޮވެސްކިއުލާ ކެއާ [ހައިޓެކް]" އެވެ. އެއީ އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދުގެ ޅިޔަނު އަދި އެ ހޮސްޕިޓަލުގެ އެއް ފައުންޑަރު ހަސަން އިބްރާހިމްގެ ހިދުމަތުގެ އަގު ވަޒަންކޮށް އޭނާގެ ހަނދާނުގައި ހުޅުވި ތަނެކެވެ. ހަސަން އިބްރާހިމް ނިޔާވެފައިވަނީ އުމުރުން 57 އަހަރުގައި، ހިތުގެ ބަލީގައެވެ.
ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް ރޭ ހުޅުވައިދެއްވި ތިއޭޓާ ކޮމްޕެލެކްސް ހާއްސަވެގެން އަންނަނީ ހަމަ އެކަނި އެތަން ފައިރުމާކޮށްފައިވާ ކޮލިޓީގެ ސަބަބުންނެއް ނޫނެވެ. ހިތުގެ ސާޖަރީތަކާއި އެހެނިހެންވެސް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ފަހުގެ މެޝިނަރީތައް ގާއިމްކޮށްފައިވާ އެ ތިއޭޓަރުތަކުން ފެންނަ ހިތްގައިކަމުންނެވެ. ތިން ތިއޭޓަރު ހުރި އިރު، އެއިން ކޮންމެ ތިއޭޓަރެއް ވެސް ފަރުމާކޮށް ނަން ދީފައިވަނީ ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ "ތީމް" އަކަށެވެ.
"ސަން ރައިސް ތިއޭޓާ" މެދުގައި ވަނީ ރާއްޖޭގެ ރީތި ގޮނޑުދޮށަކުން އިރު އަރައިގެން އަންނަ އިރު ފެންނަ ހިތްގައިމު މަންޒަރު ދައްކުވައިދޭ ބޮޑު ތަސްވީރެކެވެ. "އަންޑަވޯޓާ ތިއޭޓާ" ގައި ރާއްޖޭގެ ކަނޑުއަޑީގެ މަހާއި މުރަކަތަކުގެ ޒާލުކަން ދައްކައިދީފައިވެ އެވެ. އަދި "ބީޗް ތިއޭޓާ" އިންވެސް ފެންނަނީ އެފަދަ ހިތްގައިމުކަމެކެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އޮޕަރޭޝަންތައް ކުރާނީ ބީޗެއް ގައި. ނޫނީ ސަންރައިޒެއް ގައި. ނޫނީ އަންޑާވޯޓާ ގައި،" މިރޭ ހުޅުވި ތިއޭޓާ ކޮމްޕްލެކްސްގެ ތައާރަފްގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ކޮންސެޕްޓަކަށް ތިއޭޓަރުތައް ފަރުމާކޮށްފައިވަނީ އޮޕަރޭޝަންތަކަށް ބަލި މީހުން ވައްދާ ނާޒުކު ދަނޑިވަޅުގައި އެމީހުން ހިތްއުފާކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ތިއޭޓަރުތަކުގައި ވައި ތާޒާކޮށްދިނުމަށް "ލެމިނާ ފްލޯ ސިސްޓަމް" ގާއިމްކޮށްފައިވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް އައްފާލް ވިދާޅުވި އެވެ.
ހައި-އެންޑް މެޝިނަރީތައް
އާ ތިއޭޓާ ކޮމްޕްލެކްސް ގެ ސިފަތައް ފުރިހަމަ އެވެ. އޮޕެރޭޝަން ތިއޭޓަރުތަކުގައި ބަހައްޓާފައި ހުރީ ތަމްރީންތައްވެސް ކުރިއަށް ގެންދަން ބޭނުންކުރެވޭނެ ފަދަ އިކުއިޕްމަންޓަކެކެވެ. އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު ވީޑިއޯ ޓްރާންމިޓް ކުރެވޭނެ ނިޒާމް ގާއިމްކޮށްފައިވާއިރު ތްރީޑީ މެޝިނެއްގެ އެހީގައި ހަށިގަނޑުގެ އެތެރޭގެ މަންޒަރު ފެންނާނެ ފަދަ މެޝިންވެސް ވަނީ ބަހައްޓާފަ އެވެ.
މި ސަރަހައްދުގެ ފަސް ވަނަ ސްޕައި މެޝިންވެސް މިހާރު ހުރީ އޭޑީކޭގަ އެވެ. ސްޕައި މެޝިނަކީ އޮޕަރޭޝަން ކުރިއަށްދާ ވަގުތުގައި މީހާގެ ހަށިގަނޑުގައި ލެއާއި ޓިޝޫތައް ދައުރުވާގޮތް ޑީލޭއެއް ނެތި ދައްކުވައިދޭ މެޝިނެކެވެ. މީގެ ސަބަބުން އޮޕަރޭޝަން ކުރާއިރު ޑޮކްޓަރަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
މި މެޝިނަރީތަކަކީ ހަމައެކަނި ހިތުގެ ސާޖަރީތަކަށް ހާއްސަ މެޝިނަރީތަކެއް ނޫނެވެ. މި ވަސީލަތްތަކާއެކު ސިކުނޑީގެ އޮޕަރޭޝަންތައް ވެސް ކުރެވޭނެ އެވެ. އަދި ފުއްޕާމެއާއި ކަށީގެ އޮޕަރޭޝަންތަކާއި މިނޫންވެސް އެހެން ހުރިހާ އޮޕަރޭޝަންތަކަށް ބޮޑު ފަސޭހައާއި ކުރިއެރުން މި ވަސީލަތްތަކާއެކު ލިބިގެންދާނެކަން އޭޑީކޭއިން ވަނީ ފާހަގަކޮށްފަ އެވެ.
ކެތު ލެބް އެންމެނަށް
އާ ކެތުލެބްގެ ކާޑިއޯ ވަސްކިއުލާ ކެއާ އަކީ އެންމެ ފަހުގެ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ ތަނެކެވެ. މިތަނުގެ އެންމެ ހާއްސަ އެއް ސިފައަކީ ވަރަށް ނާޒުކު ބަލި މީހުން އެޑްމިޓްކޮށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ "ކޮރޯނަރީ އިންޓެންސިވް ކެއާ ޔުނިޓް" އެވެ. މީގެ އިތުރުންވެސް އަލަސް ވިހާއިރު ހުންނަ ހިތުގެ ބަލިތަކަށްވެސް މި ސެންޓަރުން ފަރުވާ ކުރެވޭނެ އެވެ.
ދިހަ މިލިއަން ޑޮލަރާ ގާތަކަށް ކެތު ލެބާއި ތިއޭޓަރުތަކަށް ހަރަދުކޮށްފައިވާއިރު ހިތުގެ ބަލިތަކަށް ދިވެހިން ދެން ރާއްޖެއިން ބޭރަށްދާން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭޑީކޭއިން ދެ އެވެ.