އަންނަ މަހު ސިންގަޕޫރުގައި ފަށާ ސަރަހައްދީ ޕޭސްޓްރީ ކަޕްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަރާތުން ވާދަކުރުމަށް ތިން ޝެފަކު ތައްޔާރުވެއްޖެ އެވެ.
ސިންގަޕޫރުގައި އަންނަ މަހުގެ ފަންސަވީހުގައި ފަށާ ފޫޑް އެންޑް ހޮޓެލް އޭޝިއާ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލަންޑްގެ ޝެފް އާމިނަތު ހަމީދާއި ސޮނެވާ ފުށީގެ ޝެފް އިބްރާހިމް ފަރީދުގެ އިތުރުން ހުޅުލެ އައިލަންޑް ހޮޓެލްގެ ޝެފް އިންދްރަ ކުމާރް ލިމްބޫ އެވެ. މި ތިން ބައިވެރިންގެ ދަތުރު ސްޕޮންސާ ކުރަނީ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) އިންނެވެ.
ޕޭސްޓްރީ ކަޕް އޭޝިއާ އަކީ ސަރަހައްދުގެ ހުރިހާ ގައުމަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެގެން އެގްޒިބިޝަނަކާވެސް އެކު ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގައި މާކްސް ދިނުމުގައި ބަލާނީ ހަމައެކަނި ކެއްކުމުގެ ހުނަރަކަށް ނޫނެވެ. ޑިޒައިން ކުރުމާއި އެތުރުމުގެ ވައްޓަފާޅިއާއި ބާވަތް ހުށަހަޅައިދިނުމުގެ ވައްޓަފާޅިއަށް ވެސް މާކްސް ދޭނެ އެވެ.
ބީބީއެމުން ބުނީ ފުރަތަމަ ފަހަރަށް ރާއްޖެއިން މިފަދަ ސަރަހައްދީ މުބާރާތެއްގައި ބައިވެރިވާއިރު އެންމެ ބޮޑު އަމާޒަކީ މުބާރާތުގައި ވަރަށް ފުރިހަމަ އަށް ރާއްޖެ ތަމްސީލުކޮށް ޝަރަފުވެރި މަގާމެއް ހޯދުން ކަމަށެވެ. ތިން ޝެފުންވެސް އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ.
"މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި މަސައްކަތްކުރުމުގެ ޗާންސް ލިބުމަކީ ރަނުގެ ފުރުސަތެއް. ވީމާ އުންމީދުކުރަނީ ރާއްޖެއަށް ފަހުރުވެރި ވަނައެއް ހޯދައި މިކަމުން ވަރަށް ގިނަ ހުނަރު އިތުރަށް ދަސްކުރުމަށް، މުބާރާތުގައި ބައިވެރިވުމަށް ބީބީއެމާއި އެމްއީސީއެސް އިން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރަން،" ޝެފް އާމިނަތު ހަމީދު ވިދާޅުވި އެވެ.
އޭޝިއަން ޕޭސްޓްރީ ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ޕޭސްޓްރީ މުބާރާތް ކަމަށްވާ ވޯލްޑް ޕޭސްޓްރީ ކަޕާ ވަރަށް އެއްގޮތް ކޮންސެޕްޓަކަށް ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ ޕޭސްޓްރީ ޝެފުން އެންމެ އިންތިޒާރުކުރާ އެއް މުބާރާތްވެސްމެ އެވެ.
"އަޅުގަނޑުމެންގެ އަޒުމަކީ މުބާރާތުގައި ބައިވެރިވެ ރާއްޖެއަށް ޝަރަފެއް ހޯދައިދިނުން،" ޗެފް އިބްރާހިމް ފަރީދް ވިދާޅުވި އެވެ.
ރާއްޖެއަށް އުފަން ނުވި ނަމަވެސް މަސައްކަތްކުރާ ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ޝެޕް އިންދްރާ އުންމީދުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޕޭސްޓްރީ ކަޕް އޭޝިއާ އަކީ ދުނިޔޭގެ ފެންވަރުގެ ޝެފަކަށް ވުމަށް އޭނާ ކުރާ އުންމީދުގައި ކުލަޖައްސައިދޭނެ މުބާރާތެއް ކަމަށެވެ.
މި ޝެފުން މުބާރާތަށް މިހާރު ތައްޔާރުވަމުންދާއިރު ޝެފުންގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ބީބީއެމް އާއި އެމއީސީއެސް އިންނެވެ. މި ދެ ކުންފުންޏަކީ މި ނޫނަސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑެތި ކަލިނަރީ މުބާރާތްތައް އިންތިޒާމްކުރުމުގައި މީގެ ކުރިންވެސް އިސް ދައުރެއް އަދާކޮށްފައިވާ ދެ ކުންފުންޏެކެވެ.