ހަބަރު

ފަނޑިޔާރުންގެ ގާނޫނުގެ މައްސަލާގައި ޖަވާބުދާރީވާން ދައުލަތަށް ދެ ދުވަސް

ފަނޑިޔާރުންގެ މައްޗައް ޖިނާއީ ކުށެއް ސާބިތުބެއްޖެ ނަމަ ވަގުތުން އެ ފަނޑިޔާރުކަން ގެއްލޭ ގޮތަށް މަޖިލީހުން ފާސް ކުރި އިސްލާހު ބާތިލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދައުލަތުން ޖަވާބު ދާރީވުމަށް ދެ ދުވަހުގެ މުއްދަތެއް އެ ކޯޓުން ދީފި އެވެ.

ސަރުކާރުން ހުށަހަޅައިގެން މިދިޔަ ހަފްތާގައި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ފޮނުވުމަކާ ނުލައި ވަގުތުން ފަނޑިޔާރުކަމުން ވަކިވާނެ އެވެ. އެ އިސްލާހަށް ވޯޓަށް އެހީ ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގެ 38 މެންބަރުންގެ ހާޒިރުގަ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ފަރާތުން އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ވެއްދުމުން، އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އިޖްރާއީ ގޮތުން އެ ކޯޓުން ވަނީ އަޑު އެހުމެއް ބާއްވާފަ އެވެ. އިބޫ ބަންދުގައި ހުރުމަށް ކޯޓަށް ހާޒިރުވެފައި ނުވީ ނަމަވެސް އެމައްސަލަ ހުށަހެޅުއްވި ތިން ބޭފުޅުންގެ ވަކީލުންގެ ގޮތުގައި ސަފާ ޝަރީފް އާއު އިބްރާހިމް ރިއްފަތު މިއަދުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަޑައިގަތެވެ.

އެގޮތުން އެބޭފުޅުން ފާހަގަ ކުރެއްވި އެއް މައްސަލައަކީ ފަނޑިޔާރުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި އިރު މަޖިލީހުގައި 43 މެންބަރުން ހަމަ ނުވާ މައްސަލަ އެވެ. އޭގެ އިތުރުން ފަނޑިޔާރަކު ވަކި ކުރެވޭނެ ގޮތް ގާނޫނު އަސާސީގައި އޮތް އިރު އެ މާއްދާ އިސްލާހު ނުކޮށް ގާނޫނަށް ގާނޫނަކަށް ގެންނަ ބަދަލަކުން އެކަން ނުކުރެވޭނެ ކަމަށް ވެސް އެ ވަކީލުން ފާހަގަ ކުރެއްވި އެވެ. އެ ދެ މައްސަލާގައި ދައުލަތުގެ ވަކީލުންނާއި މައްސަލަ ހުށަހެޅި މެންބަރުންގެ ވަކީލުންގެ ދެމެދުގައި ބަހުސެއް ކުރެވުނެވެ.

އެއަށް ފަހު ދައުލަތުގެ ފަރާތުން އެދުނީ އެ މައްސަަލައާއި ގުޅޭ ބައެއް މައުލޫމާތު ރަސްމީކޮށް ލިބިފައިނުވާ ކަމަށާއި ބައެއް ކަންކަން ސާފު ކުރުމަށް ފަހު ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދޭ ކަމަށެވެ. އެގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތައް ދެ ދުވަސް ދެއްވާފަ އެވެ.