ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށްގެން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމު އާދީއްތަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލަން ނިންމައިިފި އެވެ.
ސްމޯލް އެންޑް މީޑިއަމް ސައިޒް އެންޓަޕްރައިޒް (އެސްއެމްއީ) ލޯނަކީ ސަރުކާރުގެ ބަޖެޓްގައި ހިމަނައިގެން ކޮންމެ އަހަރަކު ވެސް ދޫކުރާ ލޯނު ސްކީމެކެވެ. މި ލޯނު ސްކީމަށް އެދޭ ފޯމު މިނިސްޓްރީންނާއި ހަ ބިޒްނަސް ސެންޓަރުން ލިބޭނެ އެވެ.
ފަންސާސް މިލިއަން ރުފިޔާގެ ލޯނާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް އުފައްދާފައިވާ ކުންފުނި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޑެޓްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުމްތާޒު ވިދާޅުވީ މި ލޯނު ސްކީމަށް މި އަހަރު ވެސް އަށް ދާއިރާ އަކުން ދޫކުރާނެ ކަމަށެވެ.
"މިއީ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދޫކުރެވޭ ލޯނު ސްކީމެއް. މި ސްކީމް ވެސް ކުރި އަށް ދާނީ ދޫކުރުމަށްފަހު ހާއްސަ ސިސްޓަމެއްގެ ދަށުން މޮނީޓާ ކުރެވިގެން،" މުމްތާޒު ވިދާޅުވި އެވެ.
"50 މިލިއަން ރުފިޔާގެ އެސްއެމްއީ" ލޯނު ދޫކުރަނީ ނުވަ އަހަރުން ދައްކާ ގޮތަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގްރޭސްޕީރިއަޑްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މިއީ ހަތް ޕަސެންޓް އިންޓްރެސްޓުގައި ދޫކުރާ ލޯނު ސްކީމެކެވެ.
ލޯނު ދޫކުރާ އަށް ދާއިރާ
* ޓޫރިޒަމް ދާއިރާ
* ދަތުރުފަތުރުގެ ދާއިރާ
* އިމާރާތް ކުރުމުގެ ދާއިރާ
* ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ
* ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ
* ވޭސްޓް މެނޭޖުމަންޓުގެ ދާއިރާ
* އޯޕަން ކެޓަގަރީ
މި ލޯނު ސްކީމް ފަރުމާކޮށްފައިވަނީ އިކުއިޓީ ބަހައްޓަން ޖެހޭ ގޮތަކަށް ނޫނެވެ. އަދި ލޯނުގައި ވަކި ރަހުނެއް ބަހައްޓާކަން ނުޖެހެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި މުމްތާޒު ވިދާޅުވީ މި ސްކީމުގެ ދަށުން ވަކިވަކި ފަރުދެއްނަމަ ދޫކުރާނީ ފަސް ލައްކަ ރުފިޔާ ކަމަށެވެ. އަދި ކުންފުނިތަކާއި ކޯޕަރޭޓިވް އަދި ޕާޓްނާޝިޕް ތަކަށް ދޫކުރާނީ 1.5 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯނު ދޫކުރުމުގައި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި އަންހެނުންނާއި ޒުވާނުންނަށް އިސްކަން ދެވޭނެ. ލޯނުގެ ފައިސާ ދޫކުރާނީ ހާއްސަ މެންޓާއެއްގެ ބެލުމުގެ ދަށުން ބައި ބަޔަކަށް ބަހާލައިގެން،" މުމްތާޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުވެސް "އެސްއެމްއީ 50 މިލިއަން ރުފިޔާ" ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަދު ލޯނު ލިބުނު މީހުންގެ ލިސްޓު އާއްމު ކުރާނެ ކަމަށެވެ.
ސަރުކާރުން ވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގިނަ ލޯނުތަކެއް ދޫކޮށްފަ އެވެ. ދޫކުރި ލޯނުތަކުގެ ތެރޭގައި "ގެޓްސެޓް" އާއި "އެސްއެމްއީ" އަދި "ފަސޭހަ މަދަދު" ގެ އިތުރުން "ކަންބަލުންގެ ލޯނު" ހިމެނެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު ވެސް 190 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށެވެ.